ހައްދުފަހަނަ އަޅާދިއުމާއި ޓެރެރިޒަމްއާ ދެކޮޅަށް މަސަތްކަތް ކުރާނެ ގޮތް ތަފްސީލްކޮށް ބަޔާންކޮށް 'ނެޝަނަލް ސްޓްރެޓިޖީ އޮން ޕްރިވެންޓިން ކައުންޓަރިން ވަޔަލެންޓް އެކެސްޓްރީމްޒަމް'ގެ ނަމުގައި ގައުމީ ފެންވަރުގެ ސްޓްރެޓިޖީއެއް ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު(އެންސީޓީސީ) އިން އެކުލަވާލައިފި އެވެ.

އެ ސްޓްރެޓިޖީ ނެރެދިނުމަށް މިއަދު އެމްއެންޑީއެފްގެ ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ސްޓްރެޓިޖީއަކީ މިވަގުތު ރާއްޖެއަށް ވަރަށް މުހިންމު އެއްޗެއް ކަމަށާއި އެކަމުގައި އެންސީޓީސީގެ އިތުރުން ފުލުހުންނާއި ގައުމީ ދިފާއީބާރުގެ އިތުރުން އިމިގްރޭޝަން އާއި ކަސްޓަމްގެ ބައިވެރިވުން ވެސް ހިމެނޭ ކަމަށެވެ.

"މި ސްޓްރެޓިޖީއަކީ މިވަގުތަށް އަޅުގަނޑުމެނަށް ވަރަށް ބޮޑަށް ބޭނުން ހިފޭނެ ވަރަށް މުހިންމު ކަރުދާހަކަށް ވެގެން ދާނެ. އަދި މީގެ ސަބަބުން ދައުލަތުގެ އެހެން މުއައްސަސާތަކުން އަޅުގަނޑުމެންނާ ގުޅިގެން މަސަތްކަތް ކުރުމަށް ވެސް އިތުރަށް ލުއިފަސޭހަތަކެއް ލިބިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖެއިން ދީނީ ހައްދުފަހަނައަޅާ ދިއުމާއި ޓެރެރިޒަމާ ދެކޮޅަށް ކުރާ މަސަތްކަތް ބޭރުގެ ދުނިޔެއިން ވަރަށް ބޮޑަށް ގަބޫލު ކުރާ ކަމަށާއި އަދި އެ މަސަތްކަތްތަކަށް ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބެމުންދާ ކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ޓެރެރިސްޓް ޖަމާއަތްތަކާ ގުޅުމަށް ދާ މީހުން ހުއްޓުވައި އެ މީހުން ހައްޔަރުކުރުމަށް ބޭރުގެ ގިނަ ގައުމުތަކެއްގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.