02 Nov 2017, 18:25
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގައި ވަރަށް ވަރުގަދަ ސްކޮޑެއް އެބައޮތް ކަމަށާއި ޓާގެޓަކީ އެ ކްލަބަށް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދިނުން ކަމަށް މާޒިޔާއާ އަލުން ހަވާލުވި ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނެފި އެވެ.
މާޒިޔާގެ ކޯޗު ކަމުގެ މަގާމާ އިންމަ ހަވާލުވާން އެއްބަސްވީ އަންނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ. މާޒިޔާ އަށް 2006 އިން ފެށިގެން 2014ގެ ނިޔަލަށް އިރުޝާދު ދިން އިންމަ އަލުން އެ ކްލަބާ ހަވާލުވީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު ކަމުގެ މަގާމު ދޫކޮށްލުމަށް ފަހު އެވެ.
"ވަރަށް ރަނގަޅު ކުޅުންތެރިން ސްކޮޑުގައި އެބަތިބި. އެންމެ ރަނގަޅު ކުޅުންތެރިން މިތިބީ މާޒިޔާގައި. ބައެއް ކުޅުންތެރިން އަނިޔާގައި ވެސް އެބަތިބި. އެހެން ނަމަވެސް، މޮޅެތި ކުޅުންތެރިން މާޒިޔާގައި އަދިވެސް އެބަތިބި. އެހެންވީމާ އެކަމާ ހިތްހަމަޖެހޭ. އަޅުގަނޑުމެން ލީގަށް ފައިޓް ކުރުމަށް ވުރެ، މިހާރު އަޅުގަނޑުމެންގެ ވިސްނުމަކީ އެފްއޭ ކަޕާއި ޕްރެސިޑެންޓްސް ކަޕް،" އިއްޔެ މާޒިޔާގެ ކޯޗުކަމާ ހަވާލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން އިންމަ ބުންޏެވެ.
އިންމަ ބުނީ، މާޒިޔާގެ ކޯޗަކަށް ހަމަޖެހުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި މާޒިޔާ ކުރިން އޮތް ފޯމަށް އެނބުރި ގެންގޮސްދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މާޒިޔާއާ ހަވާލު ވުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"މާޒިޔާގެ ކޯޗަކަށް ހަމަޖެހުމުން ވަރަށް ހިތްހަމަޖެހޭ. ބޮޑު ޒިންމާއަކާ އެކު މާޒިޔާ އަށް މިއައީ. އަޅުގަނޑު ބުނާނީ ކުރިއާ ބަލާއިރު މި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ފުޓްބޯޅަ އަށް ވެސް ވަރަށް ބޮޑެތި ބަދަލު ތަކެއް އައިސްފި. ހަމަ އެގޮތުން ކުޅުންތެރިންނަށް ވެސް ޓީމު ތަކަށް ވެސް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް އަޅުގަނޑު ލަފާ ކުރަނީ. މި ބަދަލުތަކާ އެކު މާޒިޔާ ކުރީގައި އޮތް ފޯމަށް ގެންދެވޭނެ ކަމަށް އުންމީދު ކުރަން،" އޭނާ ބުންޏެވެ.
އިންމަ ބުނީ، އެންމެ ފަހުން ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވި ހަތަރު ކޯޗުންނާ އެކު ކުރި މަސައްކަތުން ތަޖުރިބާ ތަކެއް ލިބިފައިވާ ކަމަށާއި ލިބުނު ތަޖުރިބާ ތަކާއި އިލްމުގެ ބޭނުން ހިފާނެ ކަމަށެވެ. އަދި އަލުން މާޒިޔާއާ ގުޅުމަކީ އެނބުރި އާއިލާއާ ގުޅުން ފަދަ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"މިއީ އަޅުގަނޑު އަށް ވަރަކަށް އަހަރު ވަންދެން ގެންގުޅުނު ޓީމެއް. މިއީ އެނބުރި އަޅުގަނޑުގެ އާއިލާ އަށް އައުން ކަހަލަ ކަމެއް. އެހެން ނަމަވެސް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޓީމަކާ ހަވާލު ވުމަކީ ވަރަށް ބޮޑު ޒިންމާއެއް. އަދި ހާއްސަކޮށް މިވަރުގެ ވަރުގަދަ ޓީމަކާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ގާބިލްކަން ހުރި ވަރަކުން މާޒިޔާ ޓީމާ އެކު ކުރިއަށްގޮސް އިރާދަކުރެއްވިއްޔާ ސަޕޯޓަރުންނާއި ޓީމު އަދި މެނޭޖްމަންޓް ވެސް ހިތްހަމަޖެހޭ ފަދަ ރަނގަޅު ނަތީޖާ ތަކެއް ކުރިއަށް އޮތްތަނުގައި ނެރެވޭނެ،" އޭނާ ބުންޏެވެ.
މާޒިޔާގައި މިހާތަނަށް އެންމެ ގިނަ ދުވަހު ކޯޗުކަން ކޮށްދީފައިވާ އިންމަ، އަލުން އެނބުރި އެ ކްލަބަށް ސޮއިކުރީ، ކޯޗުގެ މަގާމުގައި ހުރި މެސެޑޯނިއާ ކޯޗު މަރްޔާން ސެކުލޮސްކީގެ ކޮންޓްރެކްޓް މުއްދަތު ހަމަވާން ކައިރިވެފައި ވާތީ، އޭނާގެ ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަށް ފަހު އެވެ.
މިހާރު ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކްލަބު ކަމަށްވާ މާޒިޔާ އިން މިއަހަރުގެ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދި ނަމަވެސް، ދިވެހި ޕްރިމިއާ ލީގުގައި އެންމެ އެދެވޭ ނަތީޖާ ތަކެއް ހޯދިފައެއް ނުވެ އެވެ. މިވަގުތު ތާވަލުގެ ތިން ވަނައިގައި އޮތް މާޒިޔާ އާއި އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.