03 Aug 2011, 15:53
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި ލިބުނު 331 މިލިއަން ރުފިޔާގެ ތެރެއިން ތިން މިލިއަން ރުފިޔާ ބޯނަސްގެ ގޮތުގައި ކުންފުނީގެ މުވައްޒަފުންނަށް ބަހަން ނިންމައިފި އެވެ.
އެއާޕޯޓްސް ކޮންޕެނީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 331،408،594 ރުފިޔާ ލިބިފައިވާ ކަމަށާއި އެހެން ކަމުން މިދިޔަ އަހަރަކީ އެ ކުންފުނީގެ ތާރީހުގައި މިހާތަނަށް ފައިދާއެއްގެ ގޮތުގައި އެންމެ ރަގަނޅު ނަތީއްޖާއެއް ލިބުނު އަހަރު ކަމަށެވެ. އަދި މިއަދު ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ ކުންފުނީގެ އަހަރީ ހިސާބުތައް ފާސްކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ސާފުފައިދާގެ ތެރެއިން އެއް ޕަސެންޓް ކުންފުނީގެ މުވައްޒަފުންނަށް ވިޔަފާރީގެ ފައިދާގެ ބޯނަސްގެ ގޮތުގައި ބެހުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މީގެ އިތުރުން ސާފު ފައިދާގެ އެއް ޕަސެންޓް އަށްވާ 331،4086 ރުފިޔާ ކުންފުނީގެ މުވައްޒަފުންނަށް ވިޔަފާރީގެ ފައިދާގެ ބޯނަސްގެ ގޮތުގައި ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފަ އެވެ،" އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.
އެއާޕޯސްޓް ކޮންޕެނީގެ މިދިޔަ އަހަރުގެ ޑިވިޑެންޓްގެ ގޮތުގައި 165704297 ރުފިޔާ ސަރުކާރަށް ދެއްކުމަށް މިއަދުގެ ޖަލްސާގައި ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ޑިވިޑެންޓް ބައެއްގެ ގޮތުގައި 100 މިލިއަން ރުފިޔާ އެޕްރީލް 25، 2011، ދުވަހު ދައުލަތަށް ދައްކާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދެހާސް ނުވަ ވަނަ އަހަރު އެއާޕޯޓްސް ކޮންޕެނީގެ ސާފު ފައިދާގެ ގޮތުގައި 257134010ރ. ލިބުނުއިރު، ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް 62790164ރ. ދައްކާފައިވެ އެވެ.