02 Nov 2017, 13:24
ހދ. ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ޓަކައި ހިއްކަން ޖެހޭ ސަރަހައްދު ވަކިކުރުމަށް ބަންޑު ވޯލް ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓް އަޅާ ބިން ހިއްކަން ހަވާލު ކޮށްފައިވާ އެމްޓީސީސީއާ އެވެ. އެ ކުންފުނިން ކުރިން ބުނި ގޮތުގައި، އެއާޕޯޓް އަޅަން ކުޅުދުއްފުށީ ކުޅިން ނުވަ ހެކްޓަރު އަދި ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު ހިއްކާނެ އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓް އަޅާ ބިން ހިއްކުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު މިހާރު ރަށަށް ޖަމާ ކޮށްފައިވާ އިރު، އެމްޓީސީސީގެ ކޮންނަބޯޓު މަހާ ޖައްރާފު ވެސް މިހާރު އޮތީ ކުޅުދުއްފުށީގައި ބަނދަރު ކޮށްފަ އެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބްދުލް ލަތީފު ހަސަން މިއަދު ސަން އަށް ވިދާޅުވީ، ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހިއްކާ ސަރަހައްދު ވަކިކޮށް ވަށައިގެން ލާ ތޮއްޓެއް ކަމަށްވާ ބަންޑުވޯލް ޖެހުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން، މޫދުން ހިއްކާ ސަރަހައްދުގެ ބަންޑުވޯލް ޖަހައި މިހާރު ނިންމާލާފައިވާ އިރު، މިހާރު ކުރިއަށް ދަނީ ކުޅި ވަކިކޮށް ޖަހަން ޖެހޭ ބަންޑު ވޯލުގެ މަސައްކަތް ކަމަށާއި ނަމަވެސް އެ މަސައްކަތް ނިންމާލެވޭނެ ވަކި ތާރީހެއް ބުނަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނާ ގޮތުން، އެއާޕޯޓް އަޅާ ސަރަހައްދުގެ ބިން ހިއްކަން ފަށާނީ މި މަހު 12 ވަނަ ދުވަހު އެވެ. އަދި ރަސްމީކޮށް އެ މަސައްކަތް ފައްޓަވައި ދެއްވަން ހަމަޖެހިފައި ވަނީ ރައީސް އަބްދުﷲ ޔާމީން ކަމަށް މައުލޫމާތު ލިބެ އެވެ.
ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް އެ ރަށު ކުޅި ހިއްކުމަށް ނިންމާފައި ވާތީ ތިމާވެއްޓަށް ލޯބިކުރާ ބައެއް ފަރާތްތަކުން ދަނީ އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް އެ ރަށުގެ ގިނަ ބަޔަކު ބޭނުން ވަނީ ކުޅި ހިއްކައިގެން ވެސް އެއާޕޯޓް އެެޅުމަށެވެ.
ކުޅުދުއްފުށީގައި އެއާޕޯޓު ހަދަން ފެނޭތޯ ބެލުމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި އީއައިއޭ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެރަށު ކުޅި ހިއްކައިފި ނަމަ، ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރެއް ކޮށް، ވާރޭ ވެހިގެން އެ ރަށުގައި ފެންބޮޑުވުމުގެ ނުރައްކާ އެބަ އޮތެވެ.