02 Nov 2017, 13:09
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ ދިފާއީ ހެއްކީންގެ ގޮތުގައި 47 މީހުން ހުށަހަޅައިފިއެވެ.
ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ 47 މީހުންގެ އިތުރުން 27 ލިޔެކިޔުން ވެސް ދިފައީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ ކަމަށެވެ.
އެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅީ ސިއްރު ހެކީގެ ގޮތުގައި ދެ މީހަކާއި ވީޑިއޯ ސީޑީއެކެވެ.
މިއަދު 11:30 އަށް އެ މައްސަލައިގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުން ތާވަލްކުރިއެވެ. ނަމަވެސް ހެކިބަސްދޭ އެކަކު ބަލިވެ އުޅޭތީ އަޑުއެހުން ކެންސަލްކޮށްފައިވާކަން ކްރިމިނަލް ކޯޓުން އަންގާފައިވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
ޝަޚްސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް ދައުލަތުން އުފުލީ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލްގެ ހުއްދަ ނެތި ޕާޓީގެ ލޯގޯ އާއި ދިދަ އޭނާ ބޭނުންކުރެއްވި ކަމަށް ބުނެ އެވެ.