ސްރީލަންކާގެ އެންމެ ބޮޑު އެއާލައިން ސްރީލަންކަން އެއާލައިންސް އިން އޮސްޓްރޭލިއާގެ މެލިބަން އަށް ސީދާ ދަތުރުތައް ފަށައިފި އެވެ. އެ ދަތުރުތައް ފަށާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

ސްރީލަންކާ އާއި އޮސްޓްރޭލިއާ އާ ދެމެދު ކުރާ ދަތުރުތަކަށް 10 ގަޑިއިރު ހޭދަވާއިރު ދަތުރުތަކުގައި ބޭނުންކުރަނީ އޭ 330 ގެ ބޯޓެވެ.

ލަންކާ އާއި އޮސްޓްރޭލިއާ އާ ދެމެދު ބާއްވާ ފްލައިޓްތައް ކޮލަމްބޯ އިން ފުރާނީ ލަންކާ ގަޑިން ކޮންމެ ރެއެއްގެ 23:50 ގައެވެ. ފްލައިޓް އޮސްޓްރޭލިއާ އަށް ލޭންޑް ކުރާނީ އެގައުމުގެ ގަޑިން ޖެހިގެން އަންނަ ދުވަހުގެ 15:25 ގައެވެ. އޮސްޓްރޭލިއާ އިން ލަންކާ އަށްދާ ފްލައިޓް އޮސްޓްރޭލިއާ އިން ފުރާނީ އެގައުމުގެ ގަޑިން 16:55 ގަ އެވެ. ފްލައިޓް ލަންކާ އަށް ޖައްސާނީ ލަންކާގެ ގަޑިން ރޭގަނޑު 22:15 ގައެވެ. މި ދަތުރުތައް ކޮންމެ ދުވަހަކު ވެސް އޮންނާނެ އެވެ.

ސްރީލަންކަންގެ ސީއީއޯ ވިދާޅުވީ މި ދަތުރުތަކަކީ އެ އެއާލައިންގެ ދަތުރުތައް އިތުރަށް ފުޅާކޮށް އާ މަންޒިލްތަކަށް ދަތުރު ފެށުމަށް ކުރާ މަސައްކަތުގެ ބޮޅެއް ކަމަށެވެ. ސްރީލަންކާގެ ގިނަ ބަޔަކު އޮސްޓްރޭލިއާގައި އެކި ބޭނުންތަކަށް ގޮސް އުޅެ އެވެ.