ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓާދިމާކޮށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހަށް 32 މިލިއަން ރުފިޔާގެ ރިޝްވަތު ހުށަހެޅީ ކާކުކަން އޭނާއަށް ނޭނގޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީގެ އަމިއްލަ އިސްނެގުމަކަށް އެ މައްސަލަ ތަހުގީގު ކުރީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅުވައިގެން 32 މިލިއަން ރުފިޔާގެ ރިޝްވަތު އޭނާ އަށް ހުށަހަޅާފައިވާ ކަމަށް ފަލާހު ވިދާޅުވެފައިވާތީއެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އޭސީސީން ބުނީ ރިޝްވަތު ހުށަހެޅީ ކާކުކަން އެނގިވަޑައިނުގަންނަވާ ކަމަށް ފަލާހު ބުނެފައިވާ ކަމަށެވެ.

އެ މައްސަލަ އަމިއްލައަށް ރިޕޯޓް ނުކުރީ ކީއްވެތޯ ތަހުގީގު ޓީމުން ސުވާލު ކުރުމުން ހުށަހެޅޭ ވަރަށް މައުލޫމާތު ލިބިފައިނުވާތީ ހުށަނޭޅީ ކަމަށް ފަލާހު ވިދާޅުވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަލާހު ވިދާޅުވެފައި ވަނީ "ފައިސާގެ ދަޅަ ދައްކައިގެން" މަސީހުގެ އިތުބާރު ނެތް ކަމުގެ ޕެޓިޝަންގައި ސަރުކާރަށް ނިސްބަތްވާ 10 މަޖިލިސް މެމްބަރެއް ލައްވައި އިދިކޮޅު ފަރާތްތަކުން ސޮއިކުރުވާފައިވާ ކަމަށެވެ.

އެ ޕެޓިޝަންގައި ސޮއިކުރުމުގެ ހުށަހެޅުން އޭނާއަށް ވެސް އައި ކަމަށާއި އެއީ ރިޝްވަތުގެ ޕެޓިޝަނެއް ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.