02 Nov 2017, 12:33
ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް ނެޓްވޯކް އިތުރަށް ފުޅާކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ.
ކޭޝް އޭޖެންޓުންގެ ޚިދުމަތުކީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ބީއެމްއެލްއިން 2014 ވަނަ އަހަރު ތަޢާރަފްކުރި ބޭންކްގެ ޚިދުމަތެކެވެ. މި ޚިދުމަތުގެ ސަބަބުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ބޭންކްގެ ބްރާންޗެއް ނެތް ރަށްތަކުގެ ވިޔަފާރިވެރިން މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ނެގޭނެ އިންތިޒާމުތައް ހަމަޖެހިގެން ދިޔައެވެ. އެގޮތުން ބީއެމްއެލްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑެބިޓް ކާޑު ބޭނުންކޮށްގެން ފިހާރަތަކުގައި ހުންނަ ބޭންކްގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިންތަކުން ފައިސާ ނެގެއެވެ.

ބީއެމްއެލްގެ ކޭޝް އޭޖެންޓް ނެޓްވޯކް ފުޅާކުރުމަށް ފެނަކަ ކޯޕަރޭޝަންއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ފެނަކައާއެކު މިއަދު ވެވުނު އެއްބަސްވުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީ ވިދާޅުވީ، ފެނަކަ ފަދަ ރައްޔިތުންނަށް ވަރަށް ގުޅުންހުރި ކުންފުންޏަކާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަަމަށެވެ.
"ބީއެމްއެލްއިން ދަނީ ދުވަހެއް ދުވަހަކަށް ބޭންކުން ދޭ ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތްކުރަމުން. އެގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާ ބްރާންޗުތައް ހުޅުވުމާއި، އާ އޭޓީއެމް ތައް ބެހެއްޓުމުމުގެ މަސައްކަތް ކުރިއަށް،" އެންޑްރޫ ވިދާޅުވިއެވެ.
"ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ބޭންކުން ވަނީ، އޭޓީއެމްތަކުގެ އަދަދު ދެގުނައަށް އިތުރުކޮށްފައި. ފެނަކައާއެކު މިއަދު މި ވެވުނު އެއްބަސްވުމުގެ ދަށުން ގާތްގަނޑަކަށް 160 އަށް ވުރެ ގިނަ ރަށްތަކަށް ބީއެމްއެލްގެ ކޭޝް އޭޖެންޓުގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ."
ބޭންކާއެކު ވެވުނު އެއްބަސްވުމާ ގުޅޭގޮތުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް ފަދަ "ރެޕިއުޓެޑް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ފައިނޭންޝަލް އިންސްޓިޓިއުޓް"އަކާކު ރައްޔިތުންނަށް ދޭ މިފަދަ ޚިދުމަތެއްގައި ބައިވެރިވެވުމަކީ، އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"ބީއެމްއެލްއިން ހަވާލުކުރާ މި ޚިދުމަތް، އަޅުގަނޑުމެންގެ ވަސީލަތްތައް ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި ކޮށްދޭން މަސައްކަތް ކުރާނޭ ކަމުގެ ޔަގީންކަން އަރުވަން،" ޝަރީފް ވިދާޅުވިއެވެ.
"މިއީ ފެނަކައިގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ލިބިދިން ވަރަށް ބޮޑު ފަސޭހައަކަށް ވެގެން ދާނެ. އަދި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އެއްކުރެވޭ އިތުރު ބޮޅަކަށް ވެގެންދާނެ."
މިވަގުތު ބޭންކްގެ 200 އަށްވުރެ ގިނަ ކޭޝް އެޖެންޓުން އަތޮޅުތަކުގައި ޚިދުމަތް ދެމުންދެއެވެ. އަދި މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކޭޝް އޭޖެންޓުންގެ ނެޓްވޯކް އިތުރަށް ފުޅާވެ އަތޮޅުތަކުގައި ހުރި ހުރިހާ ފެނަކަ އޮފީސްތަކަކުން ފައިސާ ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.