އައްޑޫ ސިޓީ މަރަދޫފޭދޫ ބޮޑު މަގުގައި ދެ ސައިކަލެއް ޖެހި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ތިން މީހުންގެ ތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ރޭގެ އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނެއްޓި ކައިރީގައި ޕާކު ކޮށްފައި އޮތް ކާރެއްގެ ފަހަތަށް އަރައިގެންނެވެ. އަދި އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލުގައި ދެ އަންހެނުން ތިބިއިރު އަނެއް ސައިކަލު ދުއްވަން އިނީ ފިރިހެނެއް ކަމަށްމައުލޫމާތު ލިބެ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެކްސިޑެންޓެއްގައި އަނިޔާވެގެން ދެ އަންހެނަކާއި ފިރިހެނެއް އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭގެ ތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ.

"އެއް އަންހެން މީހާގެ ހާލު ރަނގަޅު. އަނެއް ދެ މީހުން މާލެ ފޮނުވާލުމުގެ މަސަތްކަތް ކުރަމުން މިދަނީ. ދެ މީހުންގެ ވެސް ބޯވަނީ ފަޅައިގެން ގޮސް ފިރިހެން މީހާގެ ފައި ވެސް ވަނީ ބިދިފައި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިސީޔޫގައި އޮތް ފިރިހެން މީހާ މިއަދު މެންދުރުގެ ފްލައިޓުން މާލެ ފޮނުވާލާނެ ކަމަށާއި އަދި އަންހެން މީހާ ވެސް މިއަދުގެ ވަގުތެއްގައި އިތުރު ފަރުވާއަށް މާލެ ފޮނުވާލާނެ ކަމަށެވެ.