އައްޑޫގައި ފުލުހުން ހިންގާ ޕެޓްރޯލް ކުރުންތަކުގައި ބައިސްކަލް ބޭނުން ކުރަން ފަށައިފި އެވެ.

ރަސްމީކޮށް އިއްޔެ ފެށި އެ މަސައްކަތާ ބެހޭ ގޮތުން ދެކުނު ޕޮލިސް ޑިވިޝަނުން ބުނީ، ބައިސްކަލު ބޭނުން ކުރަން ފަށާނީ ހުޅުމީދޫ އަދި ގަން ޕޮލިސް ސްޓޭޝަނުގައި ކަމަށެވެ.

އަދި ޕެޓްރޯލް ކުރުމުގައި ބައިސްކަލު ބޭނުން ކުރަން ފެށީ ތިމާވެއްޓާ ރަށްޓެހި އަދި ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަށް ބުނެފައިވެ އެވެ.

އައްޑޫ ޕެޓްރޯލް ކުރުމުގައި ފުލުހުން ބައިސަލް ބޭނުން ކުރަން ފެށި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީގައި ބޭއްވި ސާކް ސަމިޓު ޕެޓްރޯލް ކުރުމަށް ފުލުހުން ބައިސްކަލް ބޭނުންކުރި އެވެ.

ގިނަ އަދަދެއްގެ ވެހިކަލް ބޭނުންކުރާ އައްޑޫ އަކީ ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ އަދި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ ސަރަހައްދެވެ. އެގޮތުން ރޭ ވެސް މަރަދޫފޭދޫ ބޮޑުމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.