03 Aug 2011, 15:25
ގދ. ހޯޑެއްދޫ މަސްޖިދުލް ފުރުޤާން މިސްކިތުގައި އަންހެނުންނަށް ނަމާދު ނުކުރެވޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، އެ ރަށު ބަޔަކު ރަށު ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
އެ ރަށުގެ 50 އަންހެނުންގެ ސޮއިކޮށް މިއަދު ހެނދުނު ވަނީ ކައުންސިލް އިދާރާ އަށް އެ ޕެޓިޝަން ހުށަހަޅައިފަ އެވެ. އަދި މައިގަނޑު ގޮތެއްގައި ޕެޓިޝަންގައި އެދިފައި ވަނީ ފުރުގާން މިސްކިތް ހުޅުވިތާ ތިން މަސް ދުވަސް ވީއިރު ވެސް އަންހެނުންނަށް މިސްކިތުގައި ނަމާދު ނުކުރެވުމުގެ އިތުރުން ތަރާވީހު ނަމާދު ވެސް ނުކުރެވޭ މައްސަލަ އަށް ހައްލު ހޯދައިދިނުމަށް އެދިފަ އެވެ.
އަދި މިއަދު ޕެޓިޝަން ހުށަހަޅަން ރަށު ކައުންސިލްގެ އިދާރާ އަށް ދިއުމުން ޕެޓިޝަނާ ހަވާލުވެފައި ވަނީ ރަށު އޮފީހުގެ ޒިންމާދާރު ވެރިޔާ ކަމަށް ޕެޓިޝަން ހުށަހަޅަން ދިޔަ އިމާމެއް ކަމަށްވާ ނިއުޝާދު އަބުދުލްހަންނާން ބުންޏެވެ.
އަދި އެއީ ކިހިނެއްވާ ކަމެއްތޯ ސުވާލު ކުރުމުން އެއްވެސް ކައުންސިލަރަކު ޖަވާބު ދެއްވާފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެކަމާ ގުޅިގެން ރަށު ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.