ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހެެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާއެވެ. އެ މައްސަލައިގެ އަޑުއެހުންތައް އަދި ނުފަށައެވެ.

އެ ދައުވާ އުފުލާފައި ވަނީ ޕޮލިސް ކޯޕްރަލް، ހއ. ހޯރަފުށި، ދަނބުމާގެ، އިބްރާހިމް ސަލީމްގެ މައްޗަށެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން އެންމެ ފުރަތަމަ އުޅެފައި ވަނީ އެމަނިކުފާނު ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އައިއީޑީއެއް ގޮއްވައިގެންނެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އައިއީޑީއެއް ގޮއްވާލިކަން ސާބިތުވެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސިފައިންގެ ދެ މީހަކު ވަނީ 15 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ.

ސްނައިޕަރެއް ބޭނުންކޮށްގެން މީހުން މަރާލުމުގެ ގާބިލްކަން ލިބިފައިވާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ، ލަހިރު މަޑު ޝަންކަރު މަނިއްކުއަޑޫރާ ރާއްޖެ ގެނެސްގެން އޭނާ ލައްވައި ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި އަދީބާއި އިތުރު ބައެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައި ވަނީ ތިން ފަހަރެއްގެ މަތިން ބަޔަކު ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.