04 Nov 2017, 09:54
ހަށިގަނޑު ލޫޅާފަތިކޮށް ބެހެއްޓުމަށް ބުރަ މަސައްކަތްކޮށް ބޮޑެތި ހަރަދުތައް ކުރާމީހުން އުޅެ އެވެ. އަގުބޮޑެތި ޑައިޓްތައް ޖައްސާ ޖިމް އަށް ގޮސް، ޒުމްބާ ކްލާސްތަކަށްގޮސް ހަދައިގެން ވެސް އޭގެ ނަތީޖާ ނުފެންނަ މީހުން ވެސް އުޅެ އެވެ. މިފަދަ މީހުންނަށް މި ލިބޭ ހިތްދަތިކަމުގެ ވާހަކައަކީ މިހެން ލިޔަން ފަސޭހަ ވާހަކަތަކަކަށް ވެސް ނުވާނެ އެވެ. އެކުރާ ބޮޑެތި ހަރަދުތައް އެއްވެސް އެއްޗަކަށް ނުވާތީ އެވެ.
މިހާރު ހިކެން މަސައްކަތް ކުރާމީހުންް އެންމެ އާންމުކޮށް ގޮސްހަދަނީ ޖިމްތަކަށެވެ. އެތައް ބައިވަރު ޖިމްތަކެއް މިމާލޭގައި ވެސް ހުރި އިރު މިތަންތަނުން ކޮށްދޭ މަސައްކަތުގެ ނަތީޖާ ނުފެންނަ ސަބަބުތައް އެނގޭހެއްޔެވެ؟
1. މާގިނައިން ކެއުން: މާ ގިނައިން ކެއުމަކީ ހަށިގަނޑު ފަލަވާކަމެއްކަން އެނގޭދޯ އެވެ. ކިތަންމެ ބުރަ ވޯކްއައުޓެއް ޖެއްސި ނަމަވެސް ކެއުމަށް ބަދަލު ނުގެންނަ ނަމަ އެކުރާ ކަސްރަތު ތަކުގެ އެއްވެސް ނަތީޖާއެއް ނުފެންނާނެ އެވެ.
2. ކުރާ ވޯކްއައުޓްސްތައް ފޫހިހެން ހީވުން: ޖިމް އަށް ގޮސް އަބަދު ޓްރެޑްމިލް އަށް އަރައި ދުވާ މީހާއަށް އެކަން ވަރަށް ފޫހި ކަމަކަށް ވެދާނެ އެވެ. ވޯކްއައުޓްގެ އެހެން ކަމެއް ޓްރައި ކޮށްލާށެވެ. މިސާލަކަށް ޒުމްބާ ކްލާހަކަށް ހަފްތާއަކު ދެ ދުވަހު ނަމަވެސް ގޮސްލާށެވެ. ނަތީޖާ ފެންނާނެ އެވެ.
3. ފެން މަދުވުން: ހަށިގަނޑުން ފެން މަދުވާ ނަމަ ކުރާ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭނެ އެވެ. ސައުވީސް ގަޑިއިރު ތިމާގެ ހަށިގަނޑު ހައިޑްރޭޓްކޮށް ބަހައްޓާށެވެ.
4. ނިދި މަދުވުން: ނިންޖަކީ ހަށިގަނޑު ފުލީ ފަންކްޝަން ކުރުމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ. ދުވާލެއްގެ މައްޗަށް ހަ ގަޑިއިރާއި އަށް ގަޑިއިރާ ދެމެދުގެ ނިދި ނުލިބޭ ނަމަ ހަށިގަނޑު ވަރުބަލިވެ ކަންނެތްވާނެ އެވެ. ޖިމް އަށްގޮސް އެއްވެސް ކަމެއް ކުރާ ހިތް ނުވެފައި ހުރެދާނެ އެވެ. ނޫނީ ކުރާ ވޯކްއައުޓްސް ކުރެވޭނީ ކަންނެތްކަމާ އެކު އެވެ.