ތެހެރާން(ނޮވެމްބަރު 2): އީރާން، ރަޝިޔާ އަދި އަޒަރުބައިޖާންގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް އީރާނުގެ ވެރިރަށް ތެހެރާންގައި އިއްޔެ ބާއްވައިފިއެވެ.

އެއްދުވަހުގެ މި ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި މި ތިން ގައުމު ގުޅިގެން ގުދްރަތީ ގޭހާއި ތެލާބެހޭ ބޮޑެތި އިންވެސްޓްމަންޓްތަކެއް މިތިން ގައުމުގައި ކުރުމަށްވަނީ އެއްބަސްވެފައެއެވެ. މީގެތެރޭގައި ގޭހާއި ތެލުގެ އައު ވަޅުތައް ހޯދުމާއި ގޭހާއި ތެލާބެހޭ ރިފައިނަރީތަކާއި ކާރުޚާނާތައް ބިނާކުރުމާއި މިތަކެތި ގައުމުތަކަށް އެކްސްޕޯޓް ކޮށް މާކެޓް ކުރުމުގައި މިތިންގައުމުގެ މެދުގައި ވިލަރެސްކޮށް ގުޅިފައިވާ ސިޔާސަތުތަކެއް ގެންގުޅުން ހިމެނެއެވެ. މިއީ ތެލާއި ގޭހުގެ އަގު ވެއްޓުނަ ނުދީ ހިފެހެއްޓުމަށްޓަކައެވެ.

އީރާނާއި ރަޝިޔާއަކީ ދުނިޔޭގައި ގުދްރަތީ ގޭހުގެ އެންމެ ބޮޑު ރިޒާވް އޮންނަ ދެގައުމެވެ. ދުނިޔޭގެ އެއްވަނަ ގޭހުގެ ރިޒާވް އީރާނުގައި އޮންނަ އިރު ދެވަނައަށް އެންމެ ބޮޑު ރިޒާވް އޮންނަނީ ރަޝިޔާގައެވެ. ތިންވަނައަށް ގޭހުގެ އެންމެ ބޮޑު ރިޒާވް އޮންނަނީ ގަލްފުގެ ކުޑަ ގައުމެއްކަމަށްވާ ގަތަރުގައެވެ. މީގެ އިތުރުން ރަޝިޔާއާއި އީރާނަކީ ތެލުގެ ރިޒާވްވެސް ވަރަށް ބޮޑު ދެގައުމެވެ. މިހާރުވެސް ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމަކީ ރަޝިޔާއެވެ.

ރަޝިޔާއިން ދުވާލެއްގެ މައްޗަށް ތޭރަ މިލިޔަން ފީފާގެ ތެޔޮ އުފައްދާ ކަމަށްވެއެވެ. މިއީ ސައޫދީ އަރަބިޔާއިން އުފައްދާ މިންވަރަށްވުރެވެސް މާ ބޮޑު އަދަދެކެވެ. އީރާނުންވެސް ދުވާލަކު ފަސް މިލިޔަން ފީފާގެ ތެޔޮ އުފައްދައެވެ. ސައޫދީން އުފައްދަނީ ދުވާލެއްގެ މައްޗަށް ދިހައެއް ޕޮއިންޓް ފަހެއް މިލިޔަން މިލިޔަން ފީފާގެ ތެލެވެ.

ރަޝިޔާއާއި އީރާނުގެ އަވަށްޓެރި އަޒަރު ބައިޖާންއަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގައި ހިމެނުނު އިސްލާމީ ގައުމެކެވެ. އެގައުމަކީވެސް ގުދްރަތީ ގޭހާއި ތެލުގެ މުއްސަނދިކަން ލިބިގެންވާ ގައުމެވެ. އީރާން، ރަޝިޔާ އަދި އަޒަރުބައިޖާންގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވީ އީރާނުގެ ރައީސް ހަސަން ރޫހާނީ އާއި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން އާއި އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް އެވެ.

މިސަމިޓްގައި ސޫރިޔާގެ ހަނގުރާމައާއި ފަލަސްތީނުގެ މައްސަލައާއި އިރާގުގެ ކުރުދިސްތާނުގެ މައްސަލަފަދަ ސަރަހައްދީ މައްސަލަތަކާބެހޭގޮތުން މިތިން ލީޑަރުން މަޝްވަރާ ކުރެއްވިއެވެ. އަދި ޓެރަރިޒަމާއި ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް ހަރަކާތްތެރިވާނެ ގޮތްތަކާބެހޭގޮތުންނާއި ގަލްފުގެ ސަރަހައްދަށް އެމެރިކާ ހަންފަތުރާ މައްސަލައާބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

ނަމަވެސް މި ސަމިޓަކީ އިގްތިސާދީ ކަންކަމަށް ޚާއްސަ ސަމިޓަކަށްވާތީ ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބޮޑަށް އިސްކަން ދީފައިވަނީ މިތިން ގައުމު ގުޅިގެން އިގްތިސާދީ ބޮޑެތި މަޝްރޫއުތައް ހިންގުމާއި މިތިން ގައުމުގެ މެދުގައި އިގްތިސާދީ ގުޅުންތައް ހަރުދަނާކުރުމާ ބެހޭގޮތުންނެވެ.

މީގެއިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް އިޢުލާން ކުރެއްވި ހަރުކަށި ސްޓްރެޓެޖީއާއި އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމާ ދެކޮޅަށް ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތައް މިބަޔާނުގައި ކުށްވެރިކޮށްފައިވެއެވެ. އަދި އެމެރިކާގެ ސިޔާސަތުތަކަކީ މެދުއިރުމަތީގެ ގައުމުތަކުގެ ހަމަޖެހުމާއި ސުލްހަ ނަގާލުމާއެކު ތަޅާފޮޅުމަށް މަގުފަހިވާނެ ނުރައްކާތެރި ސިޔާސަތުތަކެއްކަންވެސް މިބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އީރާނާއި ރަޝިޔާއާއި ތުރުކީގެ ގުޅުންތައް މިފަހަކަށް އައިއެސް ވަނީ ވަރަށްބޮޑަށް ބަދަހިވެ ފުޅާވެފައެވެ. މިހެންދިމާވީ ތުރުކީއަށް ދާދިފަހުން ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި އެމެރިކާ އޮތްކަން ތުރުކީއަށް ހާމަވެގެންދިޔުމާއި އިރާގާއި ސޫރިޔާގައި ކުރުދީން ވަކިވެގަތުމަށް ކުރާ މަސައްކަތްތަކަށް ނުސީދާ ގޮތެއްގައި އެމެރިކާ ތާއީކުރާކަން ތުރުކީއަށް ހާމަވެގެން ދިޔުމުންނެވެ.

މިއާއެކު ތުރުކީވަނީ އެމެރިކާއަކީ ޓެރަރިޒަމަށް އެހީތެރިވާ ގައުމެއް ކަމަށް ތުހުމަތުކޮށް އެމެރިކާއާ ދުރަށް ޖެހިލައި ރަޝިޔާއާއި އީރާނާ ގާތްވުމުގެ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ. އަދި ސޫރިޔާގެ ހަނގުރާމައިގައި ތުރުކީ ގެންގުޅޭ ސިޔާސަތަށްވެސް މިކަންކަމާ ގުޅިގެންވަނީ ވަރަށް ބޮޑަށް ބަދަލުތަކެއް ގެނެސްފައެވެ.

އަނެއްކޮޅުން އީރާނުގެ ނިއުކްލިޔަރ އެއްބަސްވުން އުވާލުމަށް ޓްރަމްޕް މަސައްކަތް ކުރެއްވުމާއި އީރާނާއި ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި މި ދެގައުމަށް އެމެރިކާ އިންޒާރު ދޭން ފެށުމާއެކު ރަޝިޔާއާއި އީރާންވެސް ވަނީ ވަރަށް ބޮޑަށް ގުޅުންބަދަހިކޮށް އެމެރިކާގެ ރޭވުންތަކާ ދެކޮޅަށް ފާޅުގައި ގުޅިގެން މަސައްކަތްކުރަން ފަށާފައެވެ. ޕޫޓިން އީރާނަށް ވަޑައިގެންނެވީ މިކަންކަމާބެހޭގޮތުން އީރާނުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށެވެ. (ނޫސްއެޖެންސީތައް)