ދިއްލީ(ނޮވެމްބަރު 2): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ކޯލް ބޭނުން ކުރާ ޕަވާ ޕްލާންޓެއް ގޮވައި، އޭގެ ސަބަބުން 20 މީހަކު މަރުވެ ގާތްގަނޑަކަށް 100 މީހުންނަށް އަނިޔާވެއްޖެ އެވެ.

އިންޑިއާގެ ދައުލަތުގެ ޕަވާ ޕްލާންޓެއް ކަމަށްވާ ނެޝަނަލް ތާމަލް ޕަވާ ކޯޕަރޭޝަން (އެންޓީޕީސީ)ން ބުނި ގޮތުގައި އެޕްލާންޓް ގޮވާފައި ވަނީ "ކުއްލިއަކަށް ބާރުގަދަ އަޑެއް އިވި، ގޭސްތަކެއް ލީކުވުމަށް ފަހުގަ"އެވެ. އެކުންފުނިން ދަނީ އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ.

އުއްތަރަ ޕްރަދޭޝްގެ ފުލުހުންގެ ވެރިޔާ އާނަންދް ކުމާރު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުން ލަފާ ކުރެވޭ ގޮތުގައި ޕްލާންޓް ގޮވީ އޭގެ އެތެރޭގައި ޕްރެޝަރު މަތިވުމުގެ ސަބަބުންނެވެ.

އަދި އެ ސްޓޭޓުގެ ޗީފް މިނިސްޓަރު ޔޯގީ އަދިތްޔާނަތް ވަނީ އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީގެ މެސެޖެއް ފޮނުވައި، އެއާއިލާތަކަށް މަރުގެ ބަދަލުގެ ގޮތުގައި ދެ ލައްކަ ރުޕީސް އާއި ސީރިއަސް އަނިޔާތައް ލިބުުނު ފަރާތްތަކަށް 50،000 ރުޕީސް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. (އެންޑީޓީވީ)