03 Aug 2011, 15:15
ޓޫރިސްޓް ވިސާގެ ދަށުން އިންޑިއާ އަށް ދާ ދިވެހިންނަށް އެ ގައުމަށް އެނބުރި ދެވޭނީ ދެ މަސްފަހުން ކަމަށް ބުނެ، އޮޅުމަކުން ދިވެހިންގެ ޕާސްޕޯޓްތަކުގައި ތައްގަނޑުޖަހަމުން އެބަދެ އެވެ.
އިންޑިއާ އެމްބަސީގެ ފަސްޓް ސެކަޓަރީ ނަރަޔާރަން ސުވާމީ މިއަދު ވިދާޅުވީ ޓޫރިސްޓް ވިސާގެ ދަށުން އިންޑިއާ އަށް އެރޭނީ ދެ މަސް ފަހުން ކަމަށް ބުނެ، ބައެއް ދިވެހިންގެ ޕާސްޕޯޓްތަކުގައި ތައްގަނޑުޖަހަމުން އަންނަނީ އޮޅުމަކުން ކަމަށެވެ. އަދި އެގޮތަށް އަމަލް ކުރަނީ އިންޑިއާގެ ބެންގަލޫރާއި ޓްރިވެންޓްރަމާއި ދިއްލީގައި ހުންނަ އިމިގްރޭޝަން ކައުންޓަރުތަކަށް އާ އޮފިސަރުން އައްޔަން ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަރަޔާރަން ވިދާޅުވީ ދިވެހިންނަށް ހާއްސަ ކުރެވިގެން ޓޫރިސްޓް ވިސާގެ ދަށުން ކުރިން ވެސް ދެމުން އަންނަ 90 ދުވަހުގެ ވިސާއާ އެކު އެއްވެސް "ގެޕެއް ނެތި" އިންޑިއާ އަށް އެރޭނެ މަގު ތަނަވަސް ކުރުމަށް އިމިގްރޭޝަން ކައުންޓަރުތަކަށް އަންގާފައިވާނެ ކަމަށެވެ.
"މިހާރު ވެސް އެކަން އަޅުގަނޑުމެންވާނީ އަންގާފައި. އަޅުގަނޑުމެންނަށް ޝަކުވާ ލިބެމުންއެބަދޭ ދެ މަސް ދުވަހުގެ ގެޕަކަށް ފަހުއޭ އިންޑިއާއަށް އެރޭނީ. ނަމަވެސް އަޅުގަނޑުމެން ދިވެހިންނަށް ހާއްސަކޮށް 90 ދުވަހުގެ ވިސާ ދެމުންދާ އުސޫލުން ވަރަށް އަވަހަށް، އިންޑިއާއަށް އެރޭނެ ގޮތް ހަދައިދޭނަން،" ނަރަޔާރަން ވިދާޅުވި އެވެ.
އިންޑިއާއިން ރާއްޖެއައި ދިވެއްސަކު މިއަދު ބުނީ އިންޑިއާގެ ބެންގްރޫލް އެއާޕޯޓްގެ އިމިގްރޭޝަން ކައުންޓަރަކުން ދެ މަސް ފަހުން ނޫނީ އިންޑިއާއަށް ނޭރޭނެ ކަމަށް ބުނެ އޭނާގެ ޕާސްޕޯޓްގައި ތައްގަނޑެއް ޖަހާފައިވާ ކަމަށެވެ. އަދި އެއީ އާ ގަވާއިދުގެ ދަށުން ކުރަމުންދާ ކަމެއް ކަމަށް އެ މީހުން ބުނި ކަމަށް އޭނާ ބުންޏެވެ.
"ބެންގަލޫރުގެ އެއާޕޯޓުން އެ ތައްގަނޑު ޖެހީ. އަޅުގަނޑު ސުވާލު ކުރުމުން ބުނީ އެއީ އާ ގަވާއިދުގެ ދަށުން ކުރިކަމެކޭ."