02 Nov 2017, 09:18
ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓް ކުރާ ފިލްމް 'ޕަދްމާވަތީ'ގެ ލަވަ އެއްގެ މަންޒަރެއް ރަންވީރު ސިންހް ލައްވައި 10 ފަހަރަށް ނަގުވައިފިއެވެ.
ސަންޖޭ ބުނީ އެ ޝޮޓް އެހާ ގިނަ ފަހަރު ނަގަން ޖެހުނު ސަބަބަކީ އެ ފިލްމަކީ މިހާތަނަށް އުފައްދާ އޭނާގެ އެންމެ ވަރުގަދަ އެއް ފިލްމަށް ވެފައި ފިލްމު ފުރިހަމަ ކުރުމުގެ ބޭނުމުގައި ކަމަށެވެ.
ގަނޭޝް އަޗާރިޔާ ކޯރިއޮގްރާފް ކޮށްފައިވާ މި ލަވައަށް ގިނަ ދުވަސްތަކަކު ރަންވީރު ފަރިތަކޮށްފައިވާ ކަމަށާއި އެ ލަވައިގައި ރަންވީރާ އެކީ މުޅި ޖުމްލަ 200 ނެށުންތެރިން ހިމެނޭކަމަށްވެސް ޑައިރެކްޓަރު ބުންޏެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި ޕަދްމަވަތީގައި ހިމެނޭ އެ ލަވަ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ފިލްމް ރިލީޒްކުރާ ދުވަހާ ކައިރިކޮށްފައެވެ.
އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ ލީޑް ބައިތައް ކުޅެނީ ދީޕިކާ ޕަދުކޯން، ރަންވީރު ސިންހް އަދި ޝާހިދު ކަޕޫރެވެ.
ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމުގެ ޓްރެއިލާއިން ވެސް ފިލްމްގެ ފުރިހަމަ ކަން ހާމަވެއެވެ.