މެންޗެސްޓާ ސިޓީ އަށް ސާޖިއޯ އަގުއޭރޯ ޖަހައިދިން 178 ވަނަ ލަނޑާ އެކު އެ ކްލަބު، ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުންް ޖާގަ ހޯދައިފި އެވެ.

'ގްރޫޕު އެފް'ގައި ނަޕޯލީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މި މެޗު ސިޓީ އިން ކާމިޔާބުކުރީ 2-4ގެ ނަތީޖާ އަކުންނެވެ. މިއީ ސިޓީ ޖެހިޖެހިގެން މޮޅުވި 14 ވަނަ މެޗެވެ.

ނަޕޯލީ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އޭޕީ

މެޗު ފެށިގެން މޮޅަށް ކުޅުނީ ނަޕޯލީ އެވެ. އެގޮތުން 21 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލޮރެންޒޯ އިންސިނިއޭ އެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ ސިޓީ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ޖަހައި ދިނީ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އެވެ.

ދެ ވަނަ ހާފު ރަނގަޅަށް ފެށީ ސިޓީންނެވެ. އެގޮތުން ފުރަތަމަ ތިން މިނެޓު ތެރޭގައި އެ ޓީމުން ވަނީ މެޗުގެ ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޯން ސްޓޯންސް އެވެ. ނަމަވެސް ސިޓީގެ ލީޑު ގެއްލުނީ ކުޅުންތެރިއަކަށް ހެދުނު ގޯހަކުންނެވެ. ސިޓީގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ނަޕޯލީ އަށް ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލީ ޖޯގީނިއޯ އެވެ.

ނަޕޯލީ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އޭޕީ

ސިޓީ އަށް ދެ ވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިދިނީ 69 ވަނަ މިނެޓުގައި އަގުއޭރޯ އެވެ. މި ލަނޑާ އެކު އޭނާ ވަނީ ސިޓީގެ ތާރީހުގައި އެ ކުލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށް ވެގެން ގޮސްފަ އެވެ. މި މަގާމު ކުރިން އޮތީ 179 ލަނޑު ޖަހައިދިން އެރިކް ބްރޫކް އަތުގައެވެ. ސިޓީ އަށް ތިން ޕޮއިންޓް ޔަގީން ކޮށްދިން ލަނޑު 90 ވަނަ މިނެޓުގައި ޖަހައިދިނީ ރަހީމް ސްޓާލިން އެވެ.

މި މޮޅާ އެކު ސިޓީ އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ލިބުނު 12 ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގައެވެ. ދެ ވަނައިގައި ނުވަ ޕޮއިންޓާ އެކު ޝަހްތަރު ޑޮނެސްކް އޮތް އިރު، މިރޭގެ މެޗުން ބަލިވި ނަޕޯލީ އަށް ލިބިފައި ވަނީ އެންމެ ދެ ޕޮއިންޓެވެ. ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމަށް ނަޕޯލީ އަށް ކުރިއަށް އޮތް ދެ މެޗު ކާމިޔާބު ކުރަން ޖެހޭނެ އެވެ.