އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށް ޓޮޓެންހަމް އިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.

'ގްރޫޕް އެޗް'ގައި ރޭ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާ އަކުންނެވެ. މި ނަތީޖާއާއެކު ޓޮޓެންހަމް ވަނީ ދެވަނަ ބުރުގެ ޖާގަ އެއް ކަށަވަރު ކޮށްފައެވެ. މި މޮޅާއެކު ޓޮޓެންހަމް އޮތީ ހަތަރު މެޗުންް 10 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ. ހަތް ޕޮއިންޓާއެކު ރެއާލް ދެވަނައިގައި އޮތް އިރު، ދެ ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ބޮރޫޝިއާ ޑޯޓްމަންޑެވެ.

ޓޮޓެންހަމް އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އެޕީ

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ ޓޮޓެންހަމް އެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ޑެލޭ އަލީ ވަނީ ލަނޑެއް ޖަހައި ޓޮޓެންހަމް އަށް ލީޑު ނަގައިދީފައެވެ. މި ލަނޑުން ރެއާލް އިން ކުޅުން ރަނގަޅު ކުރި ނަމަވެސް ލަނޑެއް ޖެހޭ ގޮތް ވަނީ ނުވެފައެވެ.

ދެވަނަ ހާފު ފެށިގެން ޓޮޓެންހަމް އިން އަނެއްކާ ވެސް ރެއާލް އަށް ޕްރެޝަރު ކުރަން ފެށިއެވެ. ނަތީޖާ އަކަށް ވީ އަލީ އޭނާގެ ދެވަނަ ލަނޑު ޖަހައި ޓޮޓެންހަމްގެ ލީޑު ފުޅާ ކުރުމެވެ. އޭގެ 10 މިނެޓު ފަހުން ކްރިސްޓިއަން އެރިކްސަން ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމަށް މޮޅު ޔަގީން ކޮށްދީފައެވެ. ރެއާލްގެ ހަމައެކަނި ލަނޑު 80 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

'ގްރޫޕު އެޗް'ގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑާއި އަޕޮއެލް ކުޅުނު މެޗު ނިމިފައި ވަނީ 1-1 އިން އެއްވަރު ވެގެންނެވެ. މި ނަތީޖާއާ ގުޅިގެން ދެވަނަ ބުރަށް ދިއުމަށް ޑޯޓްމަންޑަށް ރެއާލް ބަލިކުރަން މަޖުބޫރު ވާނެއެވެ.