ކްލަބް ވެލެންސިއާގެ ކުޅުންތެރިއަކު އެޓީމުން ރިލީޒް ނުހޯދައި، އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުންދާ ށ. މިލަންދޫ ޓީމަށް ކުޅެމުންދާ މައްސަލައެއް ޓީސީ ސްޕޯޓްސް ކުލަބުން އެފްއޭއެމް އަށް ހުށަހަޅައިފި އެވެ.

ޓީސީ އިން މި މައްސަލަ އެފްއޭއެމްއަށް ހުށައެޅިކަން "ސަން ސްޕޯޓްސް" އަށް އިތުބާރު ހުރި ފަރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެފްއޭއެމްގެ ކޮމެންޓެއް އެ މައްސަލައިގައި އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.

ޓީސީން މައްސަލަ ހުށަހަޅާފައި ވަނީ މިލަންދޫ ޓީމުގެ ޖޯޒީ ނަމްބަރު 6، މުހައްމަދު ނިޒާމު، މިދިޔަ އަންގާރަ ދުވަހު ލީގުގައި ޓީސީ އާއި މިލަންދޫ ބައްދަލު ކުރި މެޗުގައި ވެެލެންސިއާ އިން ރިލީޒް ނުހޯދަ ކުޅެފައިވާތީ އެވެ.

މާލޭ ލީގުގެ ވެލެންސިއާގެ ޓީމް ލިސްޓުގައި ނިޒާމް ހިމެނުނު ނަމަވެސް، އޭނާ އެ ޓީމުގެ ބެންޗުން ފެނިފައެއް ނުވެ އެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްެރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާގެ ބެންޗުން އޭނާ ފެނިގެންދިޔަ އެވެ. މިގޮތަށް އެހެން ކްލަބެއްގެ ކޮންޓްރެކްޓެއްގައި ހުންނަ ކުޅުންތެރިޔަކަށް ކްލަބް ބަދަލު ކުރެވޭނީ ކުރީގެ ކްލަބުން ރިލީޒް ދިނުމުންނެވެ. އަދި އެކަން ރަސްމީކޮށް އެފްއޭއެމަށް ވެސް އަންގަން ޖެހޭނެއެވެ.

އެ މައްސަލަ ސާބިތުވެއްޖެ ނަމަ މިލަންދޫއަށް އެ މެޗުން ލިބުނު ޕޮއިންޓު ގެއްލި، ޓީސީއަށް ތިން ޕޮއިންޓާއި ފައިދާ ދެ ގޯލު ލިބޭނެއެވެ. މީގެ އިތުރުން މިލަންދޫގެ ޖޯޒީ ނަމްބަރު 6 މުހައްމަދު ނިޒާމަށާއި އެ ޓީމަށް އެފްއޭއެމް ޑިސިޕްލިނަރީ ކޯޑުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ގަވާއިދު ބުނެއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ އަންގާރަ ދުވަހު ކުޅުނު މެޗުގައި މިލަންދޫ އިން ވަނީ ޓީސީ ހިފަހައްޓައިފައެވެ. އެއާއެކު އެއްވަނައިގައި އޮތް ނިއު ރޭޑިއަންޓުން 30 ޕޮއިންޓް ހަމަކޮށް ފަސް ޕޮއިންޓުގެ ލީޑެއް ނަގާފައިވާއިރު، އެ ލީޑު ދެ ޕޮއިންޓަށް ކުޑަކުރަން ލިބުނު ފުރުސަތު ޓީސީއަށް ވަނީ ގެއްލިފައެވެ.