ރާއްޖޭގެ ލޭ ނާރުކަމަށްވާ މަސްވެރިކަމުން ގައުމަށް ނަފާ ހޯދުމަށް 1979 ވަނަ އަހަރު، މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަން (އެމްއެފްސީ)ގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފެއްދި އެވެ. އަދި ފަހުން އެ ކުންފުނީގެ ނަން، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ގޮތުގައި އޮތުމަށް ފަހު އެޕްޕީއައިޑީގެ ނަން، 1 ނޮވެމްބަރު 1993ގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ނަމަށް ބަދަލުކުރި އެވެ. މިއީ މިހާރު އަޅުގަނޑުމެން ދެކެމުން މިދާ ސަރުކާރުގެ މަސްކުންފުނި، މިފްކޯގެ ތާރީޚުން ކުޑަ ތަންކޮޅެކެވެ.

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީ)އޯގެ އެކްސްޕޯޓު ޑިޕާޓްމެންޓުން ފަށައި، ފަހުން މިފްކޯގެ ނަމުގައި އާ ކުންފުންޏެއްގެ ގޮތުގައި ފެށުމަށް ފަހު، ކުންފުނި ތިން ފޮތި ކޮށްލައި، އެންމެންގެ ދަރަނިތައް ބޮލުއަޅަން ޖެހުނު ހާލަތެއް ވެސް އެ ކުންފުންޏަށް ޖެހުނެވެ.

ވަކި ކުންފުންޏެއްގެ ގޮތުގައި އޮތުމަށް ފަހު އަނެއްކާ ވެސް 2014 އޯގަސްޓުގައި ތިން ކުންފުންޏެއް އެއްކޮށްލައި، އަދި އެއަށް ފަހު މިދިޔަ އަހަރު އަނެއްކާ ވެސް އެސްޓީއޯގެ ކުޑައިގެ ދަށުން ހިނގާ ކުންފުންޏަކަށް މިފްކޯ ބަދަލު ކުރި އެވެ.

މިފްކޯއަށް މިހާރު މިވަނީ 24 އަހަރު ފުރިފަ އެވެ. ވޭތުވެ ދިޔަ 24 އަހަރުގެ ތެރޭގައި މި ކުންފުންޏަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބޮޑެތި އަޑިގުޑަންތަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކޮށްލަން ޖެހެ އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއީލް ސަން އަށް ދެއްވި އިންޓަވިއުއެެއްގައި ވިދާޅުވީ، ގޮންޖެހުންތަކާ އެކު ވެސް މިވީ ދުވަސްތަކުގެ ތެރޭގައި މިފްކޯއަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ.

މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު އަދުލީ އިސްމާއިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި ވިދާޅުވީ، ވޭތުވެދިޔަ 24 އަހަރު ތެރޭގައި މިފްކޯއަށް ލިބިފައިވާ އެންމެ ބޮޑު އެއް ކުރިއެރުމަކީ މިފްކޯގެ އެންމެ މުހިއްމު އެއް ކާރުހާނާ ކަމުގައިވާ ފެލިވަރު އަޕްގްރޭޑް ކުރެވުން ކަމަށެވެ.

އަށްޓަނުގެ ފެކްޓްރީއެއްގެ ގޮތުގައި އޮތް ފެލިވަރު ފެކްޓްރީ މިހާރު ވަނީ 50 ޓަނުގެ ފްކެޓްރީއަކަށް ބަދަލުކޮށްފަ އެވެ. އަދި ކޮމްޕިއުޓަރު ބޭނުންކޮށް، މެޝިނަރީތައް ބޭނުންކުރެވޭނެހެން އެ ފެކްޓްރީ މިހާރު ވަނީ އަޕްގްރޭޑްކޮށްފަ އެވެ.

މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު އަދުލީ އިސްމާއިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފެކްޓްރީތަކުގެ އިތުރުން އޭރު މިފްކޯއިން ބޭނުން ކުރަމުން އައި އޮޑިދޯނި ފަހަރުގެ ހާލު ވެސް ހުރީ ވަރަށް ދަށްކޮށް ކަމަށް އަދްލީ ވިދާޅުވި އެވެ. ނަމަވެސް މިހާރު މިފްކޯއިން ބޭނުންކުރާ އޮޑިދޯނި ފަހަރު ވެސް ވަނީ މަރާމާތުކޮށް ރަނގަޅު ފެންވަރަކަށް ގެނެސްފަ އެވެ. އެއީ ވެސް މި ވޭތުވެ ދިޔަ އަހަރުތަކުގައި މިފްކޯއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

"ކުރިއަށް އޮތް އަހަރަކީ މިފްކޯގެ މަސައްކަތްތައް އިތުރަށް ރަނގަޅުވެ ކުންފުނި އިތުރަށް ހަރުދަނާވެގެންދާނެ އަހަރެއް. މިހާރު މިވަނީ ފެލިވަރު ވެސް އަދި އޮޑިދޯނި ފަހަރު ވެސް އަޕްގްރޭޑް ކުރެވި މަރާމާތު ކުރެވިފައި. އެހެންވީމަ ކުރިއަށް އޮތްތާގައި މިފްކޯގެ މަސައްކަތްތައް ރަނގަޅުވެ އުފެއްދުންތައް އިތުރުވެގެންދާނެ،" އަދްލީ ވިދާޅުވި އެވެ.

އަދްލީ ވިދާޅުވީ، ރާއްޖޭން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި މި ހިނގާ ނޮވެންބަރު މަހުގެ ތެރޭގައި ފެލިވަރުގައި ރޯމަސް ޕޯޗްގައި ބަންދު ކުރަން ފައްްޓާނެ ކަމަށެވެ.

މީގެ 24 އަހަރު ކުރީން އުފެއްދި މިފްކޯ އަކީ މިހާރު ކުރިއަރަމުން އަންނަ، ރާއްޖޭގެ އެކްސްޕޯޓް އޭގެ މައްޗަށް ބަރޯސާވެފައި އޮތް މަސްވެރިކަމުގެ ތަފާތު އުފެއްދުންތައް އެންމެ ފުޅާދާއިރާއެއްގައި އުފައްދާ އެއް ކުންފުންޏެވެ.

ކަނޑުރޯއްޖަށް ބަރޯސާވެފައި އޮންނަ މި ދިވެހިރާއްޖޭގެ މަސްކުންފުނި، މިފްކޯ ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާ އެކު ވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ފައިދާ ސީދާގޮތުން ކުރާނެ އެވެ. އެހެންކަމުން ރައްޔިތުންގެ ލެޔާގުޅިފައިވާ މިފަދަ ކުންފުނިތައް ހަރުދަނާ ގޮތެއްގައި ކުރިއަރައި ދިއުމަކީ ކޮންމެ ދިވެއްސެއްގެ ވެސް އުންމީދާ ގުޅިފައިވާނޭ ކަމެކެވެ.