އެމެރިކާގެ ނިއު ޔޯކުގައި ޓްރަކަކުން ޖައްސައި އަށް މީހަކު މަރުވި ހާދިސާގެ ހިތާމައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައީސް އަބްދުﷲ ޔާމިން، ހަމްދަރުދީ ފޮނުއްވައިފިއެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ހިނގާ މީހުންނަށާއި ބައިސްކަލު ދުއްވާ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރު މަތިން ދިޔަ މީހުންނަށް އަމާޒުކޮށް އެ ހަމަލާދިނީ އުޒްބަކިސްތާނުގެ ސައިފުﷲ ސައިޕޮވް ކިޔާ މީހެކެވެ. އޭނާ އެ ހަމަލާ ދިނުމަށް ފަހު ޓްރަކުން ފޭބުމާއެކު އޭނާގެ ގަޔަށް ފުލުހުން ވަނީ ބަޑި ޖަހައި މަރާލައިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑަށް ޓްރަންޕަށް ރައީސް ޔާމީން ފޮނުއްވި މެސެޖުގައި، ކުށެއް ނެތް ރައްޔިތުންތަކަކާ ދެކޮޅަށް ހިންގާ އެފަދަ ޓެރަރިޒަމްގެ ފިނޑި އަމަލުތައް، ރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވިދާޅުވެފައިވެއެވެ.

އެމެރިކާއަށް ދިމާވެފައިވާ ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމެރިކާގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވައި އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް ރައީސްގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

ނިއުޔޯކުގައި މިއަދު ހިނގި އެ ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މެދުއިރުމަތީގަ އާއި އެހެން ސަރަހައްދުތަކުގައި އައިއެސް ބަލިކުރުމަށް ފަހު، އެޖަމާއަތަށް އެމެރިކާއަށް ވަނުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެ، ޓްވީޓެއް ކުރައްވާފައެވެ.