03 Aug 2011, 15:08
ކުޅުދުއްފުށީގެ ގޭބިސީތަކަށް ބެހުމަށް އެ ރަށަށް ސަރުކާރުން ފޮނުވާފައިވާ ކަދުރުތައް ބެހުން ލަސްވަނީ ހުރިހާ ގެތަކަށް ބަހާވަރަށް ކަދުރު ނެތުމުން ކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސަން އަށް ދެއްވި އިންޓަވިއުއެއްގައި ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު މިއަދު ވިދާޅުވީ، މި އަހަރުގެ ރޯދަ މަހު ގޭބިސީތަކަށް ބެހުމަށް އެ ރަށަށް ލިބިފައި ވަނީ 607 ޕެކެޓް ކަދުރު ކަމަށާއި ނަމަވެސް އެ ރަށުގައި މީހުން ދިރިއުޅޭ 1303ގެ ހުރި ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ.
އޭނާ ވިދާޅުވީ ހުރިހާ ގެއަކަށް ހަމަވާ ވަރަށް ކަދުރު ނެތުމުން، ކަދުރު ބެހުމަށް އިސްކަން ދެނީ ރަށުގެ ނިކަމެތި އާއިލާތަކަށް ކަމަށެވެ.
"ގޭބިސީތަކަށް ބެހުމަށް ލިބިފައި ހުރީ 607 ޕެކެޓް ކަދުރު. ބަހަން ޖެހޭ ގޭ ބިސީގެ އަދަދަކީ 1303. އެހެންވެ އެންމެ ފުރަތަމަ އިސްކަން ދޭނީ ނިކަމެތިންނަށް. ވަރަށް އަވަހަށް އެ ގެތަކަށް ކަދުރުތައް ބަހާލާނަން. މިހާރު ހުރި ކަދުރުން ނުލިބޭ ގޭބިސީތަކަށް ބެހުމަށް ކަދުރުލިބޭތޯ ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ވާހަކަ ދައްކަމުން މިދަނީ. އުންމީދު ކުރަން ހުރިހާ ގެއަކަށް ހަމަވާވަރަށް ކަދުރު ލިބޭނެ ކަމަށް،" ޖަމްޝީދު ވިދާޅުވި އެވެ.
ޖަމްޝީދު ވިދާޅުވީ މިހާތަނަށް ކޮންމެ އަހަރަކު ވެސް ރަށުގެ ހުރިހާ ގެއަކަށް ކަދުރު ޕެކެޓެއް ދީފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ރަށުގެ ހުރިހާ ގެއަކަށް ހަމަވާވަރަށް ކަދުރުލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލްގެ ރައީސް ޖަމްޝީދު ވިދާޅި އެވެ.
"މިފަހަރު ހދ. އަތޮޅަށް ބެހުމަށް ވެސް ލިބިފައި ހުރީ މުޅިޖުމްލަ 1810 ޕެކެޓް ކަދުރު އެއީ އެހެން އަހަރުތަކާ އަޅާ ބަލާ އިރު މަދު އަދަދެއް. މަދުން ލިބެން ދިމާވީ ކީއްވެގެން ކަމެއް ދަންނަވާކަށް ނޭނގޭ. އުންމީދު ކުރަން ރަށުގެ ހުރިހާ ގެއަކަށް ހަމަވާވަރަށް ކަދުރުލިބޭނެކަމަށް." ޖަމްޝީދު ވިދާޅުވި އެވެ.
ނަވާރަސަތޭކަ އަށް އަށްޑިހަ އަށް ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ސައުދީ ސަރުކާރުން ދިވެހި ރާއްޖެ އަށް ކަދުރު ހަދިޔާ ކުރެ އެވެ. އެގޮތުން މި އަހަރު ވެސް ސައުދީ ސަރުކާރުން ދިވެހިރާއްޖެ އަށް 50 ޓަނުގެ ކަދުރު ވަނީ ހަދިޔާ ކޮށްފައިވެ އެވެ.