އަންހެން ފުޓުބޯޅަ ކުޅުންތެރިންނަށް ހާއްސަަ ކޮށްގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބާއްވަން ނިންމާފައިވާ "ވުމަންސް ފުޓުބޯޅަ ލީގު" އަންނަ މަހަަށް ފަސްކޮށްފި އެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މަހު 21 ގައި ފެށުމަށް ކުރިން ނިންމާފައިވާ "ވުމަންސް ފުޓްބޯޅަ ލީގު 2017" އަންނަ މަހުގެ ފުރަތަމަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. މުބާރާތް ފަސްކުރެވުނު ސަބަބު އެ އެސޯސިއޭޝަނުން ބަޔާން ކޮށްފައެއް ނުވެއެވެ.

އެފްއޭއެމުން ބުނީ އެ މުބާރާތުގައި ބައިވެރިވާން އެދޭ ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު އަދި އަމިއްލަ ފަރާތްތަކުގެ ކުންފުނިތަކާއި ކުލަބުތަކާއި ސްކޫލުތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 2:30ގެ ކުރިން އެ އެސޯސިއޭޝަނަށް ހުށައަހަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ބައިވެރިވާ ޓީމުތަކުގެ ޓީމް ލިސްޓު 23 ނޮމެމްބަރުގެ 14:30ގެ ކުރިން އެ އެސޯސިއޭޝަނަކަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު އަދި މުބާރާތުގެ ގަވާއިދު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އާއި 15:30 ދެމެދު އެފްއޭއެމްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.