02 Nov 2017, 01:04
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ގަތަރު ފުޓުބޯޅަ އެސޯސިއޭޝަންއާ ދެމެދު ގުޅުނު ބަދަހި ކުރުމުގެ އެއްބަސް ވުމެއްގައި އެ އެސޯސިއޭޝަނުން މިއަދު ސޮއި ކޮށްފިއެވެ.
ގަތަރުގެ ދޯހާގައި މިއަދު ބޭއްވި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި ގަތަރު ފުޓުބޮޅަ އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ހައްމާދު ބިން ހަލީފާ ބިން އަހުމަދު އަލްތާނީ އެވެ.
އެފްއޭއެމުން ބުނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ވެވުނު އެ އެއްބަސްވުމުގެ ދަށުން އެ އެސޯސިއޭޝަން އާއި ގަތަރު ފުޓްބޯޅަ އެސޯސިއޭޝަނާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހިކުރުމާއި، ޕްރޮމޯޝަނަލް ކަންތައްތަކާއި އެފްއޭއެމްގެ އޮނިގަނޑާއި، ގައުމީ ޓީމުތައް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ އިތުރުން ކަންކަމާއި ގުޅުންހުރި ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަން ދެ އެސޯސިއޭޝަންގެ ދެމެދުގައި ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
އެފްއޭއެމްގެ ރައީސް ކަމާއި ބައްސާމް ހަވާލުވި ފަހުން ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް އޭނާ ދަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން ބޭރު ފަރާތްތަކާއި ގުޅިގެން ޒުވާން ކުޅުންތެރިން ބިނާ ކުރުމަށް އެފްއޭއެމް އިން ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.