01 Nov 2017, 18:08
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު ދައުރެއް އަދާ ކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ އޭސީސީން ފައިލްކޮށްފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބެލުމަށްފަހު ނިންމި ނިންމުމުގައި ވަނީ އެ ކުންފުނީގެ އެކައުންޓުން އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާކޮށްފައި ވަނީ ދެ ފަހަރެއްގެ މަތިން ކަމަށެވެ.
އެގޮތުން 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފަސް ލައްކަ ޑޮލަރު އަދި އެ މަހުގެ 15 ވަނަ ދުވަހު ވެސް ފަސް ލައްކަ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާ ވެސް ތަހުގީގު ޓީމުން ސުވާލުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޭސީސީން ބުނީ އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ ކޮމްޕެނީ ސެކްރެޓަރީކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް ކޮމްޕެނީ ސެކްރެޓަރީ އާއި ކުންފުނީގެ ހިއްސާދާރުން ރާއްޖެއިން ބޭރުގައި އުޅެމުންދާތީ އެ މީހުން ތަހުގީގަށް ހާޒިރުކުރެވިފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެހެންކަމުން އެ މީހުން ހާޒިރުނުކޮށް ތަހުގީގު ފުރިހަމަ ނުކުރެވޭނެތީ އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.