ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ސަޕޯޓްކޮށް އަޑުގަދަކުރުމާ ގުޅިގެން ފިރިމީހާ އަނިޔާކުރުމުން، ސައުދީ އަންހެނަކު އޭނާގެ ފިރިމީހާގެ ކިބައިން އެންމެ ފަހުން ވަރިވެއްޖެ އެވެ.

އެ ހާދިސާ ހިނގުމަށް މެދުވެރިވީ އެ ދެމަފިރިން ސްޕެއިންގެ ރިއާލް މެޑްރިޑް އާއި ބާސެލޯނާ ކުޅުނު މެޗުގައި އަނބިމީހާ، ފިރިމީހާ ނުރުހޭ ޓީމަށް ސަޕޯޓް ކުރުމުގެ ސަބަބުންނެވެ. ފިރިމީހާ އަކީ ބާސެލޯނާގެ ފޭންއެކެވެ.

"ރެއާލް މެޑްރިޑް މޮޅުވުމާއެކު އަންހެން މީހާ ރޮނާލްޑޯއޭ ކިޔާފައި އަޑުން އަޑުނަގައި ހަޅޭއްލަވަން ފެށީ. އެހެންވެ ފިރިހެން މީހާ ދެކުނީ އެއީ އޭނާއަށް އިހްތިރާމް ކުޑަކުރުން ކަމަށް،" އަންހެން މީހާގެ ރައްޓެއްސެއް ސައުދީގެ ނޫހެއް ކަމަށްވާ އަޖިލަށް ކިޔައި ދިނެވެ.

"ފިރިހެން މީހާ ސަޕޯޓްކުރި ޓީމް ބަލިވުމުން އޭނާ މާބޮޑަށް ރުޅިއައީ. އެހެން ހުއްޓާ އޭނާގެ އަންހެނުން އެހެން އުޅެން ފެށުމުން އޭނާ ކޮންޓްރޯލުން ނެއްޓީ. ފުރަތަމަ އޭނާ ވަރަށް އެއްޗެހި ކީ. ދެން އޭނާ އަންހެނުން ގައިގައި ގަދައަށް ތަޅައިގަތީ،" އަންހެން މިހާގެ ރަހްމަތްތެރިޔާ ބުންޏެވެ.

އެ ހާދިސާއަށްފަހު އަންހެންމީހާ ވަނީ އޭނާގެ ފިރިމީހާގެ ގެ ދޫކޮށް އޭނާގެ މައިންބަފައިންގެ ގެއަށް ބަދަލުވެފައެވެ. އަދި އެއަށް ފަހު ވަރި ވާން ކޯޓަށް ހުށަހެޅީ އެވެ.

ސައުދީގެ ސޯޝަލް ނެޓްވާކުގައި އެ ވާހަކަ މިހާރު ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. ޓުވިޓާގައި ގިނަ ބަޔަކު ފިރިމީހާއަށް ފާޑުކީއިރު އޭނާއާ އެއްކޮޅަށް ވެސް ވަރަށް ގިނަ ބަޔަކު ވަނީ ޝުއޫރު ފާޅުކޮށްފައެވެ.