އިނގިރޭސި ޕްރިމިއަރ ލީގުގައި އަންނަ އާދީއްތަ ދުވަހު މެންޗެސްޓަ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން މަޖުބޫރު ކަމަށް ޗެލްސީގެ އެއް ނަމްބަރު ގޯލް ކީޕަރު ތިބައު ކޯޓުއާ ބުނެފިއެވެ.

ޗެލްސީ ވަނީ ރޭ ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގު މެޗުގައި ރޯމާ އަތުން 0-3 ގެ ލަދުވެތި ނަތީޖާ އަކުން ބަލިވެފައެވެ. މި މެޗަށް ފަހު އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ކުޅުންތެރިންނަށް އެނބުރި ފޯމަށް އައުމަށް ގޮވާލާފައެވެ.

ކޯޓުއާ ބުނީ ސީޒަންގައި މޮޅުވުމުގެ މަގަށް އެނބުރި އައުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ރަނގަޅަށް ޑިފެންސް ކުރުން ކަމަށާއި އެގޮތަށް ކަންތައް ކޮށްގެން ނޫނީ ލީގު ހޯދުމުގެ ފުރުސަތު ނެތް ކަމަށެވެ.

"އެއީ މޮޅުވުން މަޖުބޫރު މެޗެއް. މެންޗެސްޓަ ސިޓީ އޮތީ އަހަރެމެންނަށް ވުރެ ނުވަ ޕޮއިންޓު ކުރީގައި. އަދި ޔުނައިޓެޑް އޮތީ ހަތަރު ޕޮއިންޓު ކުރީގައި. ޓޮޓެންހަމް އެއް ޕޮއިންޓު ކުރީގައި." ކޯޓުއާ ބުންޏެވެ.

ކޯޓުއާ ބުނީ ކުރީގައި އޮތުމަށް ޔުނައިޓެޑް ފަދަ ޓީމުތައް ބަލިކުރަން ޖެހޭ ކަމަށާއި އެގޮތުން އެ މެޗުން ކުޅުންތެރިންގެ ހުރިހާ ހިތްވަރެއް ދީ ދިން ޕޮއިންޓު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.

އާދީއްތަ ދުވަހު ޔުނައިޓެޑާ ދެކޮޅަށް ނިކުންނަ އިރު، ޗެލްސީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ އެންގޯލޯ ކަންޓޭ ވަނީ އޭނާގެ އަނިޔާ އަދި އެއްކޮށް ރަނގަޅު ނުވާ ކަމަށް ބުނެފައެވެ. އެހެން ކަމުން އެ މެޗުން އޭނާ ފެނުމަށް ވުރެ ނުފެނުން ގާތް ކަމަށް އޭނާ ބުންޏެވެ.

ޕްރިމިއަރ ލީގު ތާވަލުގައި ޗެލްސީ އޮތީ 19 ޕޮއިންޓާއެކު ހަތަރު ވަނާގައެވެ.