ފުޓްބޯޅަ، މިކުޅިވަރު ހިންގާ ބެލެހެއްޓުމަކީ، ފަރުދީ އާއިލާއެއް ބެލެހެއްޓުމާ އެއްފަދަކަމެއް ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް )އެފް،އޭ.އެމް(ގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ހަތަރު ވަނަ ކޮންގްރެސް ބޭއްވުމުގެ ގޮތުން މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ސެމިނާ ހޯލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ނިމިގެންދިޔަ އަހަރީ ބައްދަލުވުމުން ފެށިގެން މިއަހަރުގެ ބައްދަލުވުމާ ދެމެދު ފުޓްބޯޅައަށް ތަފާތު ކުރިއެރުންތަކެއް ލިބިފައިވާ ކަމަކީ ދިވެހި ފުޓްބޯޅަ ރަނގަޅު މިސްރާބަކަށް ދަތުރު ކުރަމުން ދާކަމުގެ ރަނގަޅު ފާލެއް ކަމަށެވެ.

"ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތުން ކުރިއަށްޖެއްސުމަށް ގިނަ ބުރަ މަސައްކަތްތަކެއް ކުރަންޖެހިފަވާކަން އަޅުގަނޑު ޤަބޫލްކުރާ ފަދައިން، ފުޓްބޯޅަ އާއިލާގެ ހުރިހާ ފަރާތްތަކުން ވެސް އެކަން ޤަބޫލްކުރާނެކަން ޔަގީން. ކުލަބް ހިންގުމުގެ ބުރަކަން އެކަކު ދެ މީހަކު ނެގުމުގެ ބަދަލުގައި ގިނަބައެއްގެ ބައިވެރިވުމާއި ހިއްސާ އޮވެގެން ހިންގޭނޭ ހަރުދަދަނާ ނިޒާމެއް ގާއިމް ކުރުމަށްވަނީ ޖެހިފައި." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ކުލަބަކީ ވަކިމީހަކަށް ނިސްބަތްވާ އެއްޗެއްގެ ބަދަލުގައި "ކުލަބް" އޭގެ މާނައިގައި ޖަމާއަތަކަށް ނިސްބަތްވާ އެއްޗަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ހަރުދަނާ އިދާރީ ނިޒާމެއްގެ ދަށުން ހިންގާ ތަނަކަށް "ކުލަބް" ވަނީ ބަދަލު ކުރަން ޖެހިފައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ބެލެނިވެރިއެއްގެ ހައިސިއްޔަތުން މިދެންނެވި ކަންތައްތަކަށް އެހީއެއްގެ އަތެއް ދިއްކުރުމުގެ މަގްސަދުގައި ފުރަތަމަ މަސައްކަތެއްގެ ގޮތުން "ފީފާ"ގެ ހިންގާ ގަވާއިދާ، ފުޓްބޯޅަ އެސޯސިއޭޝަންގެ ހިންގާ ގައިވާއިދާ ފުށުނާރާ ގޮތަކަށް "ކުލަބް"ގެ ހިންގާ ގަވާއިދު މިވަނީ ބަދަލުކުރަން ޖެހިފައި." ކުރިއަރަމުން މިއަންނަ ދުނިޔޭގައި ކުލަބެއްގެ މުހިންމު ކަމަށް އަލިއަޅުވާލައްވާ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ފުޓްބޯޅައިގެ ބޭރުން އާއްމު ފަރާތްތަކާ އެކު ގިނަ މުއާމަލާތްތަކެއް ހިންގަންޖެހޭއިރު، ބައެއް މުއާމަލާތްތައް ގިނަފަހަރަށް ނިމޭ ހިސާބަކީ ޝަރުއީމަރުހަލާއާ ހިސާބުން ކަމަށެވެ. އަދި އެފަދަ ކަންކަމުގައި ކުލަބަކަށް ދިވާމާ ނުވަތަ ދިމާވެދާނެ ކަންތައްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުން މުހިންމު ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.