01 Nov 2017, 16:26
އަގު ނުނަގައި ޕީޕީއެމްގެ ޖަލްސާތައް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެނަލްތަކުން ލައިވް ނުކުރެވޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައަޅައިފިއެވެ.
އޭސީސީން އެގޮތަށް ނިންމާފައި ވަނީ އިދިކޮޅު އެމްޑީޕީން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ.
އެމްޑީޕީން ހުށަހެޅި މައްސަލާގައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާ ޓީވީއެމް އިން ލައިވްކޮށްފައިވަނީ ހިލޭ ކަމަށެވެ.
އެ ޖަލްސާ ޓީވީއެމް އިން ލައިވްކޮށްފައި ވަނީ އެ ޖަލްސާ އަކީ ދައުލަތުގެ އިވެންޓެއްގެ ގޮތުގައި އާންމުންނަށް ތަސައްވަރު ކުރެވޭ ގޮތަށް ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައިވެއެވެ.
ޓީވީއެމް އިން ޕީޕީއެމްގެ ޖަލްސާތައް ލައިވް ކުރަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
އެ މައްސަލަ ބެލުމަށްފަހު އޭސީސީން ނިންމި ނިންމުމުގައި ވަނީ، ޕީޕީއެމްގެ ޖަލްސާއެއް ލައިވް ކުރުމުގެ މަގުސަދުގައި އެއްވެސް ޖަލްސާއެއް ލައިވްކޮށްފައިނުވާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތައް ލައިވްކޮށްފައިވާނެ ކަމަށް ޕީއެސްއެމް އިން ބުނެފައިވާ ކަމަށެވެ.
ޕީއެސްއެމް އިން އެހެން ބުނި ނަމަވެސް އެފަދަ ޖަލްސާތަކުގައި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަަވަނީ ޕާޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށާއި އަގެއް ނުނަގައި ވަކި ސިޔާސީ ޕާޓީއެއްގެ ޖަލްސާތައް ލައިވް ކުރުމަކީ އެހެން ސިޔާސީ ޕާޓީތަކާ މެދު ގެންގުޅޭ ތަފާތު ކުރުމެއް ކަމަށް އޭސީސީގެ ނިންމުމުގައިވެއެވެ.
އެހެންކަމުން އަގު ނުނަގައި ޕީޕީއެމްގެ ޖަލްސާތައް ލައިވްކުރެވޭނެ ކަމަށް ނުފެންނަ ކަމަށް ޕީއެސްއެމްގެ ސަމާލުކަމަށް ގެނައުމަށް ނިންމައި އެ މައްސަލަ ވަނީ ނިންމާފައެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން އެ ކޮމިޝަނުން ނިންމާފައެއްނުވެއެވެ.