01 Nov 2017, 16:50
މި މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް މެދުވެރިކޮށް ފައިސާ ނަގާ ފަރާތްތަކަށް ކަރުދާހަށް ޕްރިންޓް ކޮށްފައިވާ ރިސިޕްޓް ލިބުމުގެ ބަދަލުގައި ޑިޖިޓަލް ރިސިޕްޓް ދޫކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ބީއެމްއެލް އިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ، މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން އޭޓީއެމް މެދުވެރިކޮށް ފައިސާ ނަގާ ކަސްޓަމަރުންނަށް ކަރުދާހަށް ޕްރިންޓް ކުރެވިފައިވާ ރިސިޕްޓް ނުލިބުނު ނަމަވެސް އޭޓީއެމް މެދުވެރިކޮށް ޑިޕޮޒިޓް، ޓްރާންސްފާ އަދި ފައިސާ ދެއްކުމުން ޓްރާންސެކްޝަން ފުރިހަމަވީ ކަން ޔަގީންކުރުމަށް ކަރުދާހަށް ޕްރިންޓް ކުރެވިފައިވާ ރިސިޕްޓް ލިބޭނެ ކަމަށެވެ.
ބީއެމްއެލް އިން ބުނީ، ޑިޖިޓަލް ރިސިޕްޓް ދޫކުރަން ފެށުމަކީ ތިމާވެށި ރައްކާތެރިކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ. އަދި ޑިޖިޓަލް ރިސިޕްޓް ލިބޭގޮތް ހެދުމުން ރިސިޕްޓް ޕްރިންޓް ކުރާ ކަރުދާސް މަދުކުރެވުމާ އެކު ކުނި ގިނަވުމުގެ މައްސަލައަށް ވެސް ލުޔެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ފައިސާ ނެގުމުން ޓްރާންސެކްޝަން އެލާޓް މޮބައިލް ފޯނަށް ލިބެމުން ނުދާ ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންމެ އޭޓީއެމްއެއް މެދުވެރިކޮށް ވެސް ފަސޭހަކަމާ އެކު އެ ޚިދުމަތަށް އެފަރާތެއްގެ މޮބައިލް ނަންބަރު ރަޖިސްޓްރީ ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ، މިހާރު ވެސް ގިނަ ކަސްޓަމަރުން ޓްރާންސެކްޝަންތަކުގެ ތަފްސީލް ބެލުމަށް މޮބައިލް އެޕް އިހުތިޔާރުކުރަމުންދާ ކަމަށާއި އެ ޚިދުމަތް އިތުރަށް ފުޅާވެގެން ދިޔުން ވެގެންދާނީ ބީއެމްއެލްގެ އޮންލައިން ބޭންކިންގް ޚިދުމަތްތަކުން ކަސްޓަމަރުންނަށް ލިބެމުންދާ އިތުރު ފަސޭހައަކަށް ކަމަށެވެ.