'އަސްތާ' ނަމުގައި ޕީޕީއެމުން މާދަމާ ރޭ މާލޭގައި ބޭއްވުމަށް ނިންމާފައިވާ ބޮޑު ޖަލްސާ މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކޮށްފި އެވެ.

ޕީޕީއެމުމ މިއަދު ބުނީ 'އަސްތާ' ޖަލްސާ ފަސްކުރަން ޖެހުނީ ކުރިއަށް އޮތް ދެ ދުވަހު ވެސް މާލެ ހިމެނޭ ސަރަހައްދަށް ވާރެވެހި ވިއްސާރަ ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފައިވާތީ ކަމަށެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ 'އަސްތާ' ޖަލްސާ ދެން ބާއްވާނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށާއި ނަމަވެސް މޫސުން ތަން ދިނުމުން ހަމަ އެ ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށެވެ.

މި މަހުގެ ތެރޭގައި ޕީޕީއެމުން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާ އިރު މިހާރު ވެސް އެ ޕާޓީގެ މުސްތަޝާރު އަދި ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުންނެވީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އަތޮޅު ތެރޭގަ އެވެ. މިއަދު ދ. އަތޮޅަށް ވަޑައިގެންފައިވާއިރު މާދަމާ ފ. އަތޮޅަށް އަދި މިމަހުގެ 12 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެސް ޕީޕީއެމުން ވަނީ ބޮޑު ހަރަކާތެއް ރާވައިފަ އެވެ. އެއީ ޕީޕީއެމްގެ ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޖަލްސާއެކެވެ.