ޖުމްހޫރީ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ގޮޑިތަކެއް ލިބުނީ ޕީޕީއެމް އިން ނަގާފައި ދެއްކީމާ ކަމަށް އެ ޕާޓީގެ މުސްތަޝާރު އަދި ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާއެނބޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ދިނީ ޕީޕީއެމް އާއި އެމްޑީއޭ އަށް ކަމަށެވެ.

"މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ނަގައިގެން ތިބި ބަޔަކީ ޕީޕީއެމްއާއި އެމްޑީއޭ. އަދި އަޅުގަނޑުމެން ދައްކާފައި ދިނީމާ ޖުމްހޫރީ ޕާޓީއަށް ގޮޑިތަކެއް ލިބިގެން ވެސް އެ އުޅެނީ. އެއީ އަޅުގަނޑުމެންގެ ތެރޭގައި އޮތް މުއާހަދާއެއްގެ ދަށުން ކޮށްދިން ކަމެއް،" ރައީސް ވިދާޅުވި އެވެ.

ޕީޕީއެމްގެ ފިކުރުގެ ބެއެއް މީހުން ޖުމްހޫރީ ޕާޓީން ވާދަކުރެއްވި މަޖިލީހުގެ ގޮޑިތަކަށް ވާދަކުރުމުން އެ ފަރާތްތަކާ ވާހަކަ ދައްކައިގެން ނަން ނަގުއްވައި ޖުމުހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހާ ވަރަށް އަޅުގަނޑުމެން މަސަތްކަތްކޮށްދިނިން. އަޅުގަނޑުމެން ދެއްކި ކެންޑިޑޭޓުން އާދެ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ގޮނޑިތައް ހޯދައިދޭން. އެކަމަށް ޝުކުރުވެރިވުމުގެ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ބޮޑު ރެލީއެއްގައި ދެއްކެވި ވާހަކަފުޅު ތިޔަ ބޭފުޅުން ހަދުމަފުޅު ހުންނާނެ،" ރައީސް ވިދާޅުވި އެވެ.

އެ ކެންޑިޑޭޓުންގެ ތެރެއިން މަޖިލީހަށް ހޮވުނު ބެއެއް މެމްބަރުން މިއަދުގެ ސަރުކާރާ ދެކޮޅަށް މަސަތްކަތްކުރަމުންދާކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެ ފަރާތްތަކުން މީގެ ކުރިން ދައްކަވާފައި ހުރި ވާހަކަތައް އަނބުރާ ގެންދެވުމުގެ ބަދަލުގައި ފެނިގެން ދަނީ ހާލަތު ބަދަލުވި ކަން ދައްކައި ފިކުރު ބަދަލުވެފައިވާކަން ރައްޔިތުންނަށް ދެއްކެވުން ކަމަށެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ތާއިދުކޮށް ކޯލިޝަން ހަދައިގެން މަސަތްކަތްކޮށްފައިވާ އިރު މަޖިލިސް އިންތިހާބުގައި ވެސް ވާދަކޮށްފައި ވަނީ ކޯލިޝަނުގެ ތެރެއިންނެވެ. އަދި އެ އިންތިހާބްގައި ޖޭޕީއަށް ވަނީ 15 ގޮނޑި ކާމިޔާބު ކުރި އެވެ.