01 Nov 2017, 14:53
ކްރިމިނަލް ކޯޓަށް ހަތަރު ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ބޭފުޅުންނާ އިންޓަވިއުކޮށް ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ނިމިފައިވީނަމަވެސް އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމާ މެދު ގޮތެއް ނުނިންމާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީގެ އިންފޮމޭޝަން އޮފިސަރު ހަސަން ޒަހީން "ސަން" އަށް ވިދާޅުވީ ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ވަނީ ނިމިފައި ކަމަށެވެ. އަދި ދެން ކުރަންޖެހޭ ކަމަކީ ފަނޑިޔާރު ކަމަށް އައްޔަން ކުރާނެ ބޭފުޅުންނަކީ ކޮބައިކަން ކަނޑައެޅުމަށް އެ ކޮމިޝަންގެ ބައްދަލުވުމެއްގައި ވޯޓު ނަގައި ފާސްކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭ ބައްދަލުވުން ނުބާއްވައިގެން އުޅެނީ ކީއްވެގެން ކަމެއް ޒަހީން ވިދާޅެއް ނުވެއެވެ. އަދި އެ ބައްދަލުވުން ބާއްވާނެ ދުވަހެއް ވެސް އެ ކޮމިޝަނުން ބުނެފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކޮށް ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ.
އެ ކޯޓަށް ހުށަހެޅިފައިވާ ދުވަސްވީ ގިނަ މައްސަލަތަކެއް ނިމިފައިނުވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ދައުވާ ލިބޭ މީހަކު ބުނީ މައްސަލަ ލަސްވެގެން އެތައް ފަހަރަކު ޝަކުވާކޮށްފައިވާނެ ކަމަށާއި ނަމަވެސް އަދިވެސް މައްސަލަ ނިންމާފައިނުވާ ކަމަށެވެ.
"އަޅުގަނޑުގެ އެންމެ މައްސަލައެއް ކޯޓުގައި އޮންނާނީ. މައްސަލަ ހުށަހެޅުނުތާ އެތައް އަހަރެއް ވެއްޖެ. އެއީ ވަރަށް ކުޑަ ހުކުމެއް އަންނަވަރުގެ މައްސަލައެއް. ނަމަވެސް އެ މައްސަލަ އަދިވެސް ނިމިފައެއް ނުވޭ. އެތައް ފަހަރަކު އަޅުގަނޑު ޝަކުވާކޮށްފިން ނަމަވެސް މައްސަލަ ނިންމައެއް ނުދިން،" އޭނާ ބުންޏެވެ.