ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 7،000 ހައުސިން ޔުނިޓްގެ ތެރެއިން ސިވިލް ސާވިސްގެ މުވައްޒިފުންނަށް ހާއްސަކޮށްފައިވާ 1000 ފްލެޓަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުގައި ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން ބިނާ ކުރަން ނިންމާފައިވާ 7000 ފްލެޓުގެ ތެރެއިން 1000 ފްލެޓް ދިނުމަށް ހަމަޖައްސައިފައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ ރައްވެހިކަމުގައި އުޅޭ ސިވިލް ސާވިސް މުވައްޒަފުންނަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ 15 އާ ހަމައަށް ހުޅުވާލައިފައިވާ ކަމާއި އަދި އަންނަ އަހަރުގެ މާޗު 30ގައި ފައިނަލް ލިސްޓް އާއްމު ކުރާނެ ކަމަށެވެ.

އަލަށް ދޫކުރާ 1000 ސޯޝަލް ހައުސިންގް ފްލެޓުތަކަކީ ސިވިލް ސާވިސް މުވައްޒަފުންނަށް ލިބޭ މުސާރަ އިން ފައިސާ ދެއްކޭނެ އަގެއްގައި ދޫކުރާ ފްލެތުތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، 1000 ހައުސިން ފްލެޓް ބެހިގެންދާނީ ޖުމުލަ ގޮތެއްގައި ތިން ކެޓަގަރީ އަކަށް ކަމަށެވެ. އެގޮތުން އެންމެ މަތީ ރޭންކުގެ ސިވިލް ސާވިސް މުވައްޒަފުންނަށް 300 ހައުސިންގް ފްލެޓް އަޅާ އިރު މެދު ފަންތީގެ މުވައްޒަފުންނަށް 300 ފްލެޓް، އަދި ސަޕޯޓް ސާވިސް މުވައްޒަފުންނަށް 400 ފްލެޓް ދިނުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ 7000 ހައުސިން ޔުނިޓުން ބާކީ ހުރި 6000 ހައުސިންގް ޔުނިޓަށް ހަދަން ނިންމާފައިވާ ގޮތް އަދި މުޅިން ފައިނަލް ނުވި ނަމަވެސް ގެދޮރު ބޭނުން ވެފައި ތިބި މީހުންނަށް ފައިދާވާނެ ހެން އެ ފްލެޓްތައް ލިބިގެންދާނެ ކަމަށެވެ.