01 Nov 2017, 17:42
ގައުމީ ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ ހަރަކާތްތަކުގެ މީޑިއާ ޕާޓްނަރަކަށް ސަން މީޑިއާ ގްރޫޕް ދެ ވަނަ ފަހަރަށް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ގައުމީ ޔުނިވާސިޓީގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަން މީޑިއާ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ، ޗީފް އޮޕަރޭޓިންގް އޮފިސަރު (ސީއޯއޯ) މިންހާ ފާއިޒެވެ. ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަލީ ރަޝީދެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަމިއްޔާގެ ރައީސް ވިދާޅުވީ ރާއްޖޭގެ އެންމެ ރަނގަޅަށް ހިންގާ މީޑިއާ އަކީ ސަން މީޑިއާ ގްރޫޕް ކަމަށާއި އެ އެއްބަސްވުމެއްގައި ސޮއި ކުރުމަކީ ޖަމިއްޔާގެ ކުރިއެރުމަށް ދެ ވަނަ ފަހަރަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށެވެ.
"ސަން މީޑިއާ ފަދަ މީޑިއާއަކާއެކު އެއްބަސްވުމަކަށް އާދެވުނުކަމީ ލިބޭ އުފަލެއް. މި ޔޫނިއަން އިން ހިންގާ ކަންތައްތައް ރައްޔިތުންނަށް އަންގައިދޭން ޖެހޭނެ. އެހެންވެ ރާއްޖޭގެ ހުރިހާ ހިސާބުތަކުގައި ވެސް އެންމެ އިތުބާރު ހުރި މީޑިއާ އަކީ ސަން މީޑިއާ. އެހެންވެ ދެވަނަ ފަހަރަށް ވެސް މިކަހަލަ އެއްބަސްވުމަކަށް މިއާދެވުނީ،" އޭނާ ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަން މީޑިއާގެ ސީއޯއޯ ވިދާޅުވީ ކުރިއަށް އޮތް އަހަރު ދުވަހު ޔުނިވާސިޓީގެ ކުރިއަށް ހުރި ކަންތައްތައް ސަން މީޑިއާ އިން 'ކަވާ' ކުރާނެކަމަށެވެ.
އޭނާ ވިދާޅުވީ ގައުމީ ޔުނިވާސިޓީއަކީ ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ހިމެނޭ ޔުނިވާސިޓީ ކަމަށާއި ހާއްސަކޮށް ޒުވާނުން ކުރާ ކަންތައްތަކަށް ފުރިހަމަ ގޮތުގައި އެއްބާރުލުން ދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.
"ކިޔެވުމުގެ އިތުރުން ކުރިއަށް ގެންދާ އިތުރު ހަރަކާތްތަށް ވެސް މިދަނީ ކަވާ ކުރަމުން. އަދި ކުރިއަށް އޮތް އަހަރުގައި ވެސް މިއަށްވުރެ ފުރިހަމައަށް މި ކަންތައްތައް ކަވާ ކޮށްދޭނަން. ރާއްޖޭގެ އެކި ފަރާތްތަކަށް މިކަމުގެ މައުލޫމާތުތައް މިދަނީ މިހާރުވެސް ދެމުން،" މިންހާ ވިދާޅުވިއެވެ.