ވޭތުވެ ދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ދާއިރާއަށް އެއްޗެއް ހޯއްދަވައި ދެއްވި ހަމަ އެކަނި ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް އެމްޑީއޭގެގެ ނައިބު ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވެއްޖެ އެވެ.

ކުޑަހުވަދޫ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާމިރު ވިދާޅުވީ އޭނާ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މަސައްކަތް ފެއްޓެވި ހިސާބުން ވެސް އަދި މިއަދާ ހަމައަށް ޖެހެންދެން ވެސް ދާއިރާއަށް އެއްޗެއް ހޯއްދަވައި ދެއްވައި ކަމެއް ކޮށްދެވީ ރައީސް ޔާމީން ކަމަށެވެ. އަދި ވިދާޅުވީ މިއަދު ކުޑަހުވަދޫގައި އެއާޕޯޓެއް އަޅާފައި ވަނީ ވެސް ރައީސް ޔާމީންގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ މިންނެތް މަސައްކަތުން ކަމަށެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގާއެކު ރައީސް ޔާމީން (މ) ދ. މާއެނބޫދޫގައި-- ފޮޓޯ/ ރައީސް އޮފީސް

އާމިރު ވިދާޅުވީ ކުޑަހުވަދޫ އެއާޕޯޓް އަޅާފައި ވަނީ ހީވެސް ނުކުރާހާ ފުރިހަމައަށް ކަމަށާއި އެކަމާ މެދު ދާއިރާގެ ހުރިހާ ރައްޔިތުން އުފާކުރާ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ ސަރުކާރު އޮތް އިރު އެ ސަރުކާރުން ވެސް އެއާޕޯޓް އަޅާނެ ކަމަށް ބުނި ކަމަށާއި އަދި އެއާޕޯޓް އެޅުމުގެ މަސައްކަތް ފެށުމުގެ ކުރިން އެ ޕާޓީއާ ގުޅުމަށް ދައުވަތު ދިން ކަމަށެވެ.

"ކުޑަހުވަދޫ އަށް ނިސްބަތްވާ 16 ބޭފުޅުންގެ ޓީމެއް އަޅުގަނޑާ ބައްދަލުކޮށް ހަމަގައިމު ވެސް އެމްޑީޕީއަށް ސޮއި ނުކޮށްފި ނަމަ އެއާޕޯޓް އެހެން ތަނަކަށް ފުރުވާލާނެ ކަމުގެ ބިރު އަޅުގަނޑަށް ދެއްކި. އަޅުގަނޑު ދެންނެވިން މިހުރީ ތައްޔާރަށޭ އެއާޕޯޓް ރަންވޭ މަތީގައި އެމްޑީޕީ އަށް ސޮއިކުރަން. ރައްޔިތުން ވިދާޅުވެއްޖެއްޔާ ސޮއި ކުރަން ރެޑިއޭ ދެންނެވިން،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް އެވާހަކަ ދެކެވުނު ނަމަވެސް އެ ސަރުކާރުން އެކަން ކޮށް ނުދިން ކަމަށާއި އެކަމަށް މަގުފަހުވެގެން ދިޔައީ ރައީސް ޔާމީންގެ ދުރުވިސްނުންފުޅުގެ ތެރެއިން އެމަނިކުފާނުގެ އެހީތެރިކަމާ އެކު ކަމަށެވެ.

ދ. މާއެނބޫދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން (މ)-- ފޮޓޯ/ ރައީސް އޮފީސް

އާމިރު ވިދާޅުވީ ވަކިވަކި އަތޮޅަށް ބަލާ އިރު އެންމެ ގިނަ ކަންތައްތައް މި ސަރުކާރުން ކޮށްދެއްވާފައި ވަނީ ދ. އަތޮޅަށް ކަމަށެވެ. އަދި ދ. އަތޮޅަށް ވުރެ ގިނަ ކަންކަން ކޮށްދެވިފައިވާ އިތުރު އަތޮޅެއް ރާއްޖޭގައި ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ރައީސް ޔާމީން ދ. އަތޮޅާ މެދު ބަހައްޓަވާ ގާތް ކަން ކަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.