ގައުމީ ޔުނިވާސިޓީގެ ސްޓާފް ކްލަބާ ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ފަންޑް ރެއިޒިންގް ހަރަކާތެއް ފަށައިފި އެވެ.

"ސޭވް އަ ޑައިބެޓިކް ޗައިލްޑް"ގެ ނަމުގައި މިއަދު ހެނދުނު ގައުމީ ޔުނިވާސިޓީގައި މިއަދު ފެށި ފަންޑް ރެއިސިންގް ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސިލާ އަލީ ފަވާޒް ޝަރީފެވެ.

ޑައިބެޓިކްސް ސޮސައިޓީ އަށް ފައިސާ އެއްކުރުމަށް ޓަކައި މިއަދު ވަނީ އަތުގައި އަޅާ ބޭންޑްތަކެއް އިފްތިތާހުކޮށް ވިއްކަން ފަށައިފަ އެވެ. އެ ބޭންޑް ގައުމީ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީތަކާއި އަދި ކެންޓީނުން ލިބެން ހުންނާނެ ކަމަށް އެ އެ ޔުނިވާސިޓީގެ ސްޓާފް ކްލަބުގެ ރައީސް އަބްދުﷲ ނަޝާދު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި "ސަން" އަށް މައުލޫމާތު ދެމުން ނަޝާދު ވިދާޅުވީ އެ ފަންޑު ރެއިޒިން ހަރަކާތަކީ ޑައިބެޓިކްސް ސޮސައިޓީއަކީ އަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއަކަށް ވެފައި އެ ފަރާތްތަކަށް އެހީތެރިވެދިނުމަށް ފެށި ހަރަކާތެއް ކަމަށެވެ.

ނަޝާދު ވިދާޅުވީ އެ ބޭންޑްތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ނޮވެމްބަރު 14ގައި ޑައިބެޓިކްސް ސޮސައިޓީއާ ހަވާލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނޮވެމްބަރު 14 ވަނަ ދުވަހަކީ ދުނިޔޭގައި ފާހަގަ ކުރާ ހަކުރު ބަލީގެ ދުވަހެވެ.

ފައިސާ ހޯދުމަށް މިއަދު ފެށީ ހަރަކާތުގައި "ސަން" އަށް މައުލޫމާތު ދެމުން ޑައިބެޓިކްސް ސޮސައިޓީގެ ސީއީއޯ އައިޝަތު ޝިރުހާނާ ވިދާޅުވީ މިއަންނަ މަހު 24ގައި ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ޖަމިއްޔާ އިން އެކުވެނި ސަރަހައްދުގައި ފެއާއަަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ވިމެން އެންޑް ޑައިބެޓިކްސް: އަވާ ރައިޓް ޓު އަ ހެލްތީ ފިޔުޗާ"ގެ ނަމުގައި ބާއްވާ އެ ފެއާގައި ކަސްރަތާ ރަނގަޅު ކަނާއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޝިރުހާނާ ވިދާޅުވި އެވެ. އެގޮތުން ކުރަން އެންމެ ރަނގަޅު ކަސްރަތާއި، ކެއުމަށް އެންމެ ރަނގަޅީ ކޮންކަހަލަ ކާނާއަކާ ބެހޭ ގޮތުން އެ ފެއާގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޝިރުހާނާ ވިދާޅުވި އެވެ.