މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ކަމުގެ މަގާމަށް، އެޓީމަށް މީގެ ކުރިންވެސް ކޯޗުކަން ކޮށްދީފައިވާ އިސްމާއީލް މަހެފޫޒް (އިންމަ) ހަމަޖައްސައިފިއެވެ.

މާޒިޔާގެ ކޯޗު ކަމުގެ މަގާމަށް އިންމަ ހަމަޖެއްސުމަށްޓަކައި މިއަދު މެންދުރު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އޭނާ ސޮއިކުރީ އަންނަ އަހަރުގެ ނިޔަލަށް އެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި ދެމި ހުރުމަށެވެ.

މާޒިޔާގައި މިހާތަނަށް އެންމެ ގިނަ ދުވަހު ކޯޗުކަން ކޮށްދީފައިވާ އިންމަ، އަލުން އެނބުރި އެ ކްލަބަށް ސޮއިކުރީ، ކޯޗުގެ މަގާމުގައި ހުރި މެސެޑޯނިއާ ކޯޗު މާރިޔަން ސެކުލޮސްކީގެ ކޮންޓްރެކްޓް މުއްދަތު ހަމަވާން ކައިރިވެފައި ވާތީ، އޭނާގެ ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަށް ފަހުއެވެ.

އިންމަ އެންމެ ފުރަތަމަ މާޒިޔާގެ ކޯޗުކަމާ ހަވާލުވީ، 2006 ވަނަ އަހަރުއެވެ. އެފަހަރު އޭނާ ވަނީ 2014 ވަނަ އަހަރާ ހަމައަށް އެ ކްލަބަށް އިރުޝާދު ދީފައެވެ. އޭގެ ފަހުން 2015 ވަނަ އަހަރުން ފެށިގެން އިންމަ މަސައްކަތް ކުރީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. މާޒިޔާއާ އިންމަ ހަވާލުވީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމު ދޫކޮށްލުމަށްފަހުއެވެ.

ކުރިން މާޒިޔާގެ ކޯޗު ކަމުގެ މަގާމުގައި އިންމަ ހޭދަކުރި މުއްދަތުގެ ތެރޭގައި ފުރަތަމަ ޑިވިޝަންގައި އެ ކްލަބަކީ ވާދަވެރި، ފާހަގަކޮށްލެވޭ ކްލަބެއްގެ ގޮތުގައި ދެމިއޮތުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އެފްއޭ ކަޕް 2012 އެ ކްލަބަށް ހޯދައިދީފައެވެ. އިންމައަށް ފަހު 2015 ވަނަ އަހަރު މާޒިޔާގެ ކޯޗު ކަމުގެ މަގާމާ ހަވާލުވީ އަލީ ސުޒޭންއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ނިޔަލަށް އެ ކްލަބުގެ ކޯޗު ކަމުގެ މަގާމު އަދާކޮށްފައެވެ.

މިހާރު ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކްލަބު ކަމަށްވާ މާޒިޔާ އިން މިއަހަރުގެ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދި ނަމަވެސް، ދިވެހި ޕްރިމިއާ ލީގުގައި އެންމެ އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. މިވަގުތު ތާވަލުގެ ތިން ވަނައިގައި އޮތް މާޒިޔާ އާއި އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.