ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުގެ ސްޕެއިން ކޯޗު އޮސްކާ ބްރުޒޮން އާކޮށްފި އެވެ.

މިސީޒަނުގައި ނިއު އަށް ގިނަ ކުރިއެރުންތަކެއް ހޯދައިދިން ކޯޗު ބްރުޒޮން އެއްބަސްވެފައި ވަނީ އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ ކްލަބުގައި މަޑުކުރުމަށެވެ.

ނިއުގެ ކޯޗު ކަމުގެ މަގާމަށް ފުރަތަމަ އޮސްކާ ހަމަޖައްސާފައި ވަނީ މާލޭ ލީގުގައި ބެނާޑޯ ޓަވަރޭޒް އަށް ރަނގަޅު ނަތީޖާތަކެއް ނެރެވެމުން ނުދާތީ އޭނާ މަގާމުން ވަކި ކުރުމަށް ފަހު އެވެ. ނިއުގެ ކޯޗު ކަމުގެ މަގާމާ އޮސްކާ ހަވާލުވެފައި ވަނީ ޖޫން މަހުގެ ތެރޭގަ އެވެ.

އޮސްކާ އަށް މާލޭ ލީގުގެ ޗެމްޕިއަންކަން އޮސްކާ އަށް ހޯދައި ނުދެވުނު ނަމަވެސް، އޭނާ ވަނީ ދިވެހި ޕްރިމިއާ ލީގުގައި ނިއު އަށް ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދީފަ އެވެ. މިވަގުތު ޕްރިމިއާ ލީގުގެ ތާވަލުގެ އެއް ވަނައިގައި ނިއު އޮތީ ހަތަރު ޕޮއިންޓްގެ ލީޑަކާ އެކު އެވެ.

އޮސްކާގެ އިތުރުން ނިއުގެ ސްޕެއިން މިޑްފީލްޑަރު ކަންޑޭލާގެ ކޮންޓްރެކްޓް ވެސް އެ ކްލަބުން ވަނީ އާކޮށްފަ އެވެ. އޭނާ ވެސް ވަނީ ނިއުގައި އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަކަށް މަޑު ކުރުމަށް އެއްބަސްވެފަ އެވެ.