01 Nov 2017, 12:53
އިސްލާމްއާބާދު (ނޮވެމްބަރު 1): ޕާކިސްތާނުގެ އަންހެނަކު އޭނާގެ ފިރިމީހާއަށް ޒަހަރު ދޭން އުޅުމުގެ ތެރޭގައި އެއާއިލާގެ އިތުރު 14 މީހަކަށް ވެސް ޒަހަރު ދެވުނު މައްސަލާގައި އެއަންހެން މީހާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފި އެވެ.
ޕާކިސްތާނުގެ މުޒައްފަރުގާހުގެ ފުލުހަކު ވިދާޅުވި ގޮތުގައި އާސިޔާ ބީބީ ފުރަތަމަ މަސައްކަތް ކުރީ ޒަހަރު އަޅާފައިވާ ކިރު ފިރިމީހާއަށް ދޭށެވެ. ނަމަވެސް އެކިރު ތަށި ބޯން އޭނާ ދެކޮޅު ހެދުމުން، އާސިޔާގެ މައިދައިތަ ވަނީ އޭގެއިން ޔޯގަޓް އަޅާފައިވާ ބުއިމެއް ހެދުމެއް ފަހު އާސިޔާގެ ފިރިމީހާ އާއި އާއިލާއަށް ދީފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން 15 މީހަކު މަރުވެ، އިތުރު އަށް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު، އޭގެ ސަބަބުން އާސިޔާގެ އިތުރުން އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ މީހަކާއި އެލޯބިވެރިޔާގެ ބޮޑުދައިތަ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ފިރިމީހާ އާއި އޭނާގެ އާއިލާގެ މެމްބަރުން މަރުވުމުގައި އާސިޔާގެ އަތެއްވާ ކަމަށް އޭނާ އިއުތިރާފުވި ކަމަށް ފުލުހުން ބުނި ނަމަވެސް، ނޫސްވެރިންނާ ވާހަކަ ދައްކަމުން އާސިޔާ ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އޭނާގެ ފިރިމީހާ މަރާލަން އޭނާގެ ލޯބިވެރިޔާ ޒަހަރު ދިން ނަމަވެސް އެޒަހަރު ބޭނުން ނުކުރާ ކަމަށް ބުނެފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އުމުރުން 21 އަހަރުގެ އާސިޔާގެ ކައިވެނި، އުމުރުން 25 އަހަރުގެ އަމްޖަދު އަކްރަމާ ކުރީ އޭނާގެ ރުހުމަކާ ނުލަ އެވެ. އަދި އެކައިވެންޏަށް ފަހު ފިރިމީހާގެ ގެއިން ފިލައިގެން އޭނާގެ ގެޔަށް ދިޔަ ނަމަވެސް، އާސިޔާގެ އާއިލާއިން ވަނީ އޭނާ އަނބުރާ ފިރިމީހާގެ ގެޔަށް ގަދަކަމުން ފޮނުވާލާފަ އެވެ.
ޕާކިސްތާނަކީ އަންހެންމީހާގެ ރުހުމަކާ ނުލައި، ގަދަކަމުން ކުރުވާ ކައިވެނިތައް އެންމެ ގިނަ ގައުމެވެ. (އިންޑިޕެންޑެންޓް)