01 Nov 2017, 18:07
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ޕިކް މޯލްޑިިވްސްގެ ފަރާތުން "ޕިކް މޯލްޑިވްސް ޕިކްޗާ ސްޓޯރީ ބުކް"ގެ ނަމުގައި ނެރުމަށް ނިންމާފައިވާ ފޮތުގެ ޕްރިންޓިން ޕާޓްނަރަކަށް އެމް7 ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެމް7ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރެވެ. ޕިކް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ފައުންޑާ ރިޢާޔަތު ޢަބްދުލްމަޖީދެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕިކް މޯލްޑިވްސްގެ ފައުންޑަރު ރިއާޔަތު ވިދާޅުވީ ޕިކް މޯލްޑިވްސްގެ ޕިކްޗާ ސްޓޯރީ ބުކް އަކީ ދިވެހިރާއްޖޭގައި އާންމުކޮށް ނެރޭ ފޮތްތަކާ ތަފާތު ފޮތެއް ކަމަށާ، އެމް7 އިން ޕްރިންޓް ކުރާ ތަކެތީގެ ކޮލެޓީ އަކީ މި ފޮތް ޕްރިންޓްކުރުން އެކުންފުންޏާ ހަވާލުކުރުމަށް ނިންމި އެއް ސަބަބު ކަމަށެވެ.
އަންނަ މާޗްމަހު ބާއްވާ ބާލިން ފެއާގައި ލޯންޗް ކުރާ މިފޮތް ޕްރިންޓް ކުރުމަށް އެމް7 އާ ހަވާލު ކުރީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތެއްގައި ދިވެހިން ބައިވެރިކުރެވެން ހުރި ހުރިހާ ދިމާއަކުން ދިވެހިން ބައިވެރިކުރުމަށް ކަމަށް ވެސް ރިއާޔަތު ވިދާޅުވިއެވެ.
އެމް7 ގެ އެމްޑީ މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ އެކުންފުނިން ކުރާ ޕްރިންޓިންގެ މަސައްކަތަކީ ކޮލެޓީ އަދި އަގުހެޔޮ މަސައްކަތްތަކެއް ކަމަށެވެ. "ޕިކް މޯލްޑިވްސް އިން ނެރެން މިއުޅެނީ ޔުނީކް ޕްރޮޑަކްޓެއް، އޭގެ ޔުނީކް ކަން އިރާދަ ކުރެއްވިއްޔާ ފޮތުގެ ޕްރިންޓިން އިންވެސް ފެންނާނެ" ސްރީލަންކާ މެލޭޝިއާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުން ޕްރިންޓްކޮށްގެން ގެންނަ ތަކެއްޗާ އެއްފެންވަރެއްގައި އެއަށްވުރެ އަގުހެޔޮކޮށް އެމް7 އިން ޕްރިންޓިންގެ ހިދުމަތް ދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕިކް މޯލްޑިވްސްގެ ޕިކްޗާ ސްޓޯރީ ބުކް އަކީ ރާއްޖޭގެ ގުދުރަތީ ހިތްގައިމު މަންޒަރުތަކާ، ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިން ރާއްޖެއާ މެދު ދެކޭ ގޮތް ހާމަކޮށް ލިޔެފައި ހުންނަ ރިވިއުތައް ހިމަނައިގެން ނެރުމަށް ހަމަޖެހިފައިވާ ފޮތެކެވެ.
"މި ފޮޓޯ ބުކްގައި ހިމެނޭނީ އަޅުގަނޑުމެންގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ރިސޯޓުތަކުގެ ފޮޓޯއާ އެ ތަންތަނާ ގުޅޭގޮތުން ޓުއަރިސްޓުންގެ ފީޑްބެކް. މި ފީޑްބެކް ހަތަރު ބަހުން ޕަބްލިޝް ކުރާނަން،" މީގެ ކުރިން ސަންއަށް މައުލޫމާތު ދެއްވަމުން ރިއާޔަތު ވިދާޅުވިއެވެ.
މި ފޮތް ދުނިޔޭގެ މަޝްހޫރު ބްލޮގަރުންނާ ނުފޫޒުގަދަ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ޕިކް މޯލްޑިވްސް އިން ވަނީ ޑީއެޗްއެލް އާއެކު މިދިޔަ މަހުގެ 20 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.