01 Nov 2017, 13:14
ކުރިއަށް އޮތް ފަސް އަހަރު ނިމޭ އިރު ރާއްޖޭގައި 21 އެއާޕޯޓް އޮންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރިއޯލޯ އިންވެސްޓްމަންޓް އިން އުފައްދާފައިވާ "ދާލު އެއާޕޯޓް ހޯލްޑިންގްސް" ކުންފުނިން އާޅާފައިވާ ދ. ކުޑަހުވަދޫ 'ދާލު އެއާޕޯޓު' ރަސްމީކޮށް ހުޅުވުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ ޕީޕީއެމްގެ މިއަދުގެ ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށަކުން ވެސް 30 މިނިޓްގެ ރާސްތާއެއް ކަޑަތުކޮށްފައި އެއާޕޯޓަކަށް ދެވޭނެ ގޮތް ހެދުން ކަމަށެވެ.
ޒަމީރު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި އަލަށް ނުވަ އެއާޕޯޓެއް މި ސަރުކާރުން އަޅާނެ ކަމަށެވެ. އަދި އެ އެއާޕޯޓްތައް ވެގެން ދާނީ ފެންވަރު ރަނގަޅު ގިނަ ދުވަސްތަކަކަށް ބޭނުން ކުރެވޭނެ އަދި ރާއްޖޭގެ ޓޫރިޒަމަށް ވެސް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާކުރާނެ އެއާޕޯޓްތަކަކަށް ވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ފަސް އަހަރު ނިމިގެން ދާއިރު އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އަޅުގަނޑުމެންގެ ރާއްޖޭގައި އޮޕަރޭޝަނަލް 1.2 ކިލޯ މީޓަރު ރަންވޭގެ 15 އެއާޕޯޓް އޮންނާނެ. އަދި 1،8 ކިލޯ މީޓަރުގެ ކެޓަގަރީ ސީގެ ހަ އެއާޕޯޓް އޮންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި އޮތީ ހަތަރު އިންޓަނޭޝަނަލް އެއާޕޯޓާ އެކު ޖުމަލް 12 އެއާޕޯޓެވެ. އަދި ބެއެއް އެއާޕޯޓްތައް އެޅުމުގެ މަސަތްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ.
ޒަމީރު ވިދާޅުވީ ގިނަ އެއާޕޯޓްތަކެއް އެޅުމުން ރާއްޖޭގެ ޓޫރިޒަމަކީ އަތްފޯރާ ހިދުމަތަކަށް ވެގެން ދާނެ ކަމަށާއި އެކަމުގެ ސަބަބުން ޓޫރިޒަމްގެ ދާއިރާ އިތުރަށް ކުރިއަރައިގެން ދާނެ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެއް ބިލިއަން ޑޮލަރުގެ ދަރަނި ދެއްކުމަށް އެންމެ ބޮޑު އެހީއެއް ލިބެނީ ޓޫރިޒަމް ދާއިރާ އިން ކަން ފާހަގަކޮށް ޒަމީރު ވިދާޅުވީ ގިނަ އެއާޕޯޓްތަކެއް ރާއްޖޭގައި ހުޅުވުމުން އެ ދަރިނި އަވަހަށް ދައްކައި ހަލާސްކުރުމަށް ވެސް މަގު ފަހިވެގެން ދާނެ ކަމަށެވެ.
ދާލު އެއާޕޯޓުގެ މަސަތްކަތައް ބަލާލުމުން ދިވެހި އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންގެ ތަފާތު ފެނިގެންދާ ކަމަށް ވިދާޅުވެ ޒަމީރު ވަނީ ރާއްޖޭގެ އިންވެސްޓަރުންނަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ.
"އަޅުގަނޑަށް ފެނިގެން މިދަނީ ފޮރިން އިންވެސްޓަރުންނާއި ދިވެހި އިންވެސްޓަރުންނާ ހުންނަ ތަފާތު. ދިވެހިން ކަމެއް ކޮށްފިއްޔާ އެއީ ޒަމާންތަކަކަށް މިތާންގައި ތިބެން ޖެހޭނެ ކަމަށް ގަބޫލުކޮށްގެން ވަރަށް ރަނގަޅަށް މަސަތްކަތްކޮށްފައި އޮންނަ ތަން އެބަ ފެނޭ،" ރައީސް އަބްދުﷲ ޔާމީން އާއި ބައެއް ވަޒީރުން އަދި މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެން ޖަލްސާގައި ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ދިވެހި އިންވެސްޓަރުންނަށް ތައުރީފްކޮށްފައި ވާހަކަ ދައްކަނީ އެއްވެސް ހާލެއްގައި ބޭރުގެ އިންވެސްޓަރުންނަށް ދެރަ ބަހެއް ބުނުމަށް ނޫން ކަމަށާއި ހަގީގަތަށް ވާހަކަ ދެއްކުމަށް ކަމަށެވެ.
"1.8 ކިލޯ މީޓަރުގެ ރަންވޭ އެއް އަޅާފައި ރަންވޭއެއް ހެދިދާނެ 15 ވަރަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ވެސް. އެކަމަކު ގާތް ގަޑަކަށް 25 މިލިއަން ޑޮލަރު އަޅުގަނޑަށް އިގިފައިވާ ގޮތުގައި ހަރަދުކޮށްގެން ވަރަށް ތަފާތުކޮށް މިތަން ހަދާފައި މިއޮތީ،" ކުޑަހުވަދޫ އެއާޕޯޓަށް އިޝާރާތް ކުރައްވާ ޒަމީރު ވިދާޅުވި އެވެ.
ކުޑަހުވަދޫގައި މިއަދު ހުޅުވި އެއާޕޯޓަކީ ރާއްޖޭގައި ހަދާފައިވާ އެންމެ ބޮޑު ޑޮމެސްޓިކް އެއާޕޯޓެވެ. އެ އެއާޕޯޓުގައި އެއްފަހަރާ 42 ބޯޓު ޕާކު ކުރެވޭ ޖާގަ އޮވެއެވެ.