ސީޝެލްސްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސްގެ އެދަތުރުފުޅަކީ، ސީޝެލްސްގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށާއި، ސީޝެލްސްގެ ވެރިންނާ ބައްދަލުކުރައްވައި ރާއްޖެއަށާއި ސީޝެލްސްއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވެން ހުރި ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ފުރާވަޑައިގަތުމުގެ ކުރިން، އެ ދަތުރުފުޅާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން، މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އިން ވަރަށް ވަރުގަދަ ޓީމެއް ބައިވެރިވާކަން ފާހަގަކުރެއްވި އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ބިޑް ކުރުމުގެ މަސައްކަތް ވެސް މިދަތުރުފުޅުގައި ހިނގަމުންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

"އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ރާއްޖެ އިޝްތިހާރު ކުރުމަށާއި ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޭނުންތެރި މުބާރާތެއް،" ރައީސް ވިދާޅުވި އެވެ.

ސީޝެލްސްއަކީ ރާއްޖެއާ ޒަމާނުއްސުރެ ވަރަށް ގާތް ގައުމެއް ކަމަށާއި ރާއްޖޭގެ އިގުތިސާދަށް ސަރުކާރުން ގެންނަމުންދާ ބާވަތުގެ ބަދަލުތައް ވަރަށް ހަލުވިކަމާ އެކު ސީޝެލްގައި ވެސް ގެންނަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
އިގުތިސާދު ރޭވިގެންދާ ގޮތާ ގުޅޭ ގޮތުން ވެސް ސީޝެލްސްގެ އެކިއެކި ވެރިންނާ މަސްވަރާ ކުރައްވާނެ ކަމަށާއި ދެގައުމުގެ ދޭތެރޭގައި ޓޫރިޒަމްގެ ލިންކެއް ގާއިމް ކުރެއްވުމާއި، ވިޔަފާރީގެ ދާއިރާއިން ދެގައުމަށް ފައިދާ ހުރި ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.