އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އިންސާނީ ވަސީލަތް ތަރައްގީ ކުރަން ކަމަށާއި އެ ކަމަކީ އެއް އަހަރުން ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދ. އަތޮޅު ކުޑަހުވަދޫގައި އަލަށް ގާއިމު ކުރި އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ފަރުމާކޮށް ވުޖޫދަށް އަންނަ އިރު އެންމެ އިސްކަމެއް ދެއްވާފައި އޮންނާނީ މީހުން ބިނާ ކުރުމަށާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ އިގްތިސާދު ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް މީހުން ބިނާ ކުރުމާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަކީ އެކަމުގައި ދެވަނަ ގޮތެއް އޮތް ކަމެއް ނޫން ކަމަށެވެ.

"ބާރު މިނުގައި އިގްތިސާދީ ތަރައްގީ ދާއިރުގައި އެއަށް ބޭނުންވާ މީހުން ބިނާ ކުރުމަކީ އެއީ އަޅުގަނޑުމެންނަށް ޗޮއިސްއެއް އޮތް ކަމެއް ނޫން. އެއީ ކޮންމެހެން ކުރުން ލާޒިމް ކަމެއް. އެހެން ނޫން ނަމަ އަނެއްކާ ވެސް އަޅުގަނޑުމެން ޖެހޭނީ އުފެދޭ ވަޒީފާތަކަށް އެހެން ތަންތަނުން މީހުން ހޯދަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޒުވާނުންނަށް ސަރުކާރުން އަބަދު ވެސް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށާއި ކޮންމެ އެއާޕޯޓެއް ވެސް ވުޖޫދަށް އަންނަ އިރު އެއީ އެތައް ބައިވަރު ވަޒީފާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއާޕޯޓްތަކާ އެކު އިތުރުވާ ކޮންމެ ރިސޯޓަކީ ވެސް ވަޒީފާ ކަމަށް އެމަނިކުފާނުފާނު ވިދާޅުވި އެވެ. އަދި އެ ވަޒީފާތައް ޒުވާނުންނަށް ހޯދައިދޭން ޖެހޭ ކަމަށާއި އެފަދަ ވަޒީފާތައް އިތުރުވުމަކީ ޒުވާނުން ބާރުވެރިކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކަށް ކުރިއެރުން ލިބިގެންދާ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކުރިމަތިވާ އެންމެ ބޮޑު ޗެލެންޖަކީ މި ދާއިރާގައި މަސައްކަތް ކުރާނެ ދިވެހިން އުފެއްދުމަށް އޮތް ދަތިކަން. މިއީ ހަމަ އެކަނި ޓޫރިޒަމް ސިނާއަތަށް އޮތް ގޮނެޖެހުމެއް އެކަންޏެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނަށް ހޯދައިދޭން ހުރި ވަޒީފާގެ ނިސްބަތަށް ބަލާ އިރު 94000 ވަޒީފާއަކީ މަދު އަދަދެއް ކަމަށެވެ. އަދި ކުރި އަށް އޮތް ތަނުގައި އިގްތިސާދު ފުޅާވެގެން އަންނަ އިރު އެ ވަޒީފާތަކުގެ އަދަދު އިތުރުވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިން ބޭނުން ވަނީ އިގްތިސާދީ ކުރިއެރުމާ އެކު ކުރިއަށްދިއުމަށް ކަމަށެވެ. އަދި އެކަންކަމާ ޝަކުވާ ކޮށްލައި ކޮށްލައި ތިބެން ނޫން ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ރާއްޖެ އަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް އުންމީދަކީ ސަރަހައްދީ ފެންވަރުގައި އޮތް އެންމެ އިގްތިސާދު ރަނގަޅު ގައުމަށް ދިވެހިރާއްޖެ ހެދުން ކަމަށެވެ. އަދި އެކަން ކުރެވޭނީ ދިވެހިންގެ އެއްބާރުލުން ލިބިގެން ކަމަށް ރައީސް ވިދާޅުވި އެވެ.