01 Nov 2017, 11:57
ކޮމިޝަނަރ އޮފް ޕޮލިސްގެ ބިއުރޯގެ ވެރިޔަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް އެ މަގާމުން ދުރުކޮށްފިއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި މަންނާނު އެ މަގާމުން ދުރުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި މިހާތަނަށް އޭނާ އެހެން މަގާމަކަށް ހަމަޖައްސާފައެއްނުވެއެވެ.
އޭސީޕީ މަންނާނު މަގާމުން ދުރުކޮށްފައިވާއިރު، ދާދިފަހުން ވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވެސް ފުލުހުންގެ ވަޒީފާ އިން ވަނީ ވަކިކޮށްފަ އެވެ. އަދި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން އާދަމް ވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ޑީމޯޓްކޮށްފަ އެވެ.
ފުލުހުންގެ ބައެއް އިސް މަގާމްތަކަށް ވެސް މިހާރު ވަނީ ބަދަލު ގެނެސްފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީއާ ގުޅޭ މައްސަލައެއް ރައީސް އޮފީހުން އަންނަނީ ބަލަމުންނެވެ.