01 Nov 2017, 11:29
އޭސީސީ 19 އަހަރުން ދަށުގެ ޔޫތު އޭޝިއާ ކަޕްގެ ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.
މެލޭޝިއާގެ ކުއަލަ ލަމްޕޫރުގައި އިއްޔެ ކުޅުނު ކޮލިފައިން ބުރުގެ ވެސްޓާން ރީޖަންގެ 'ގްރޫޕް ބީ'ގެ މެޗުން ރާއްޖެ ބަލިވީ ކުވޭތު އަތުންނެވެ. ރާއްޖެ އެ މެޗުން ބަލިވީ 178 ލަނޑުންނެވެ.
މެޗުގެ ޓޮސް ދިމާވެގެން ރާއްޖެ އިން ގަސްދުކުރީ އުކުމަށެވެ. ކުވޭތުން 45 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 234 ލަނޑު ހެދި އެވެ. ކުވޭތުން އެންމެ ރަނގަޅަށް ކުޅުނީ 53 ލަނޑު ހެދި އަބްދުލް ހަސީބާއި 50 ލަނޑު ހެދި ގޮކުލް ސުނިލް ކުމާރެވެ.
ޖަވާބުގައި ރާއްޖެ އިން ކުޅެން އަރައި 23.5 އޯވަރުގެ ހަމަވި އިރު، ހުރިހާ ކުޅުންތެރިން ވަނީ ނުބައިވެފަ އެވެ. ރާއްޖެ އަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައި ވަނީ 56 ލަނޑެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މިއަދު ނުކުންނަން ޖެހޭނީ އީރާންއާ ދެކޮޅަށެވެ. އިއްޔެ އީރާން ކުޅުނު މެޗުގައި އެ ޓީމު ވަނީ ގަތަރު އަތުން 36 ލަނޑުން ބަލިވެފަ އެވެ. ކޮންމެ ޓީމެއް ވެސް މިހާތަނަށް އެއް މެޗު ކުޅެފައިވާ އިރު، ރާއްޖެ އޮތީ ލަނޑުގެ ތަފާތުން ގްރޫޕްގެ އެންމެ ފުލުގައެވެ.
ވެސްޓާން ރީޖަން ކޮލިފައިން ބުރުގެ އެއް ވަނަ ހޯދާ ޓީމަށް މި މަހުގެ 11 އިން 19ގެ ނިޔަލަށް ކުރިއަށް ގެންދާ އޭސީސީ 19 އަހަރުން ދަށުގެ ޔޫތު އޭޝިއާ ކަޕުން ޖާގަ ލިބިގެންދާނެ އެވެ. ވެސްޓާން ރީޖަނުން ކޮލިފައިވާ ޓީމާ އެކު މުބާރާތުގައި އިންޑިއާ، ބަނގުލަދޭޝް، މެލޭޝިއާ، ސްރީ ލަންކާ، ޕާކިސްތާން، ނޭޕާލް އަދި އަފްޣާނިސްތާން ވާދަކުރާނެ އެވެ.