މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އެމްއެންޑީއެފް އިން އިންތިޒާމުކޮށްގެން ބާއްވާ ސިފައިންގެ 20 ވަނަ ފޮޓޯ މައުރަޒު އެމްއެންޑީއެފް ސަދަން އޭރިއާ، އައްޑޫ ސިޓީ ހުޅުމީދޫގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ފޮޓޯ މަޢުރަޒު ބޭއްވުމަށް ހަމަޖެހި ވަނީ، ނޮވެމްބަރު މަހުގެ 4 އަދި 5 ވަނަ ދުވަހު، އައްޑޫ ސިޓީ، ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގެ ހޯލުގައި ކަމަށެވެ.

މިއީ އަހަރަކު ދެފަހަރު ބާއްވަމަން އަންނަ މައުރަޒެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ ފޮޓޯ މައުރަޒުގައި، 1988 ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއާ ގުޅުންހުރި ފޮޓޯތަކާއި، ގުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީހާ ގުޅޭ ފޮޓޯތައް ހިމެނޭނެ ކަމަށެވެ.

ދެހާސް ހަތަރު ވަނަ އަހަރު ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސިފައިން ކުރި މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި އަދި ސިފައިންގެ ހިދުމަތްތަކާ ގުޅުން ހުރި ގިނަ ފޮޓޯތަކެއް ދައްކާލުމަށް އެ ފޮޓޯ މައުރަޒުގައި ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ފޮޓޯ މަޢުރަޒަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލާފައިވާ ކަމަށާއި އަދި އެ ފޮޓޯ މައުރަޒު ހުޅުވިފައި ހުންނާނީ ނޮވެމްބަރ މަހުގެ 4 އަދި 5 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.