01 Nov 2017, 10:47
ކުޑަހުވަދޫން: އިހްތިޝާމް މުހައްމަދު
ދ. ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ "ދާލު އެއާޕޯޓް" ރަސްމީކޮށް ހުޅުވައިފި އެވެ.
ކުޑަހުވަދޫ އެއާޕޯޓް ހުޅުވައިދެއްވީ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
ކުޑަހުވަދޫ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޑަހުވަދޫގެ ގިނަ ރައްޔިތުން ބައިވެރިވި އެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.
ކުޑަހުވަދޫ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ.
ކުޑަހުވަދޫގައި 62.81 ހެކްޓަރުގެ ބިން ހިއްކައިގެން އަޅާފައިވާ އެ އެއާޕޯޓުގައި 1800 މީޓަރުގެ ރަންވޭއެއް އޮވެ އެވެ. އެއްފަހަރާ 42 ބޯޓު ޕާކު ކުރެވޭ ޖާގަ އޮންނަ އެ އެއާޕޯޓަކީ ރާއްޖޭގައި ހަދާފައިވާ އެންމެ ބޮޑު ޑޮމެސްޓިކް އެއާޕޯޓެވެ.
އެ އެއާޕޯޓް ތަރައްގީ ކޮށްފައި ވަނީ ރިއޯލޯ އިންވެސްޓްމަންޓް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ. އެ އެއާޕޯޓުގެ މަސައްކަތް ކޮށްފައި ވަނީ ރިއޯލޯއިން އުފައްދާފައިވާ "ދާލު އެއާޕޯޓް ހޯލްޑިންގްސް" ކުންފުނިންނެވެ.