01 Nov 2017, 10:43
ނިއު ޔޯކް(ނޮވެމްބަރު 1): އެމެރިކާގެ ނިއު ޔޯކުގައި ޓްރަކަކުން ޖައްސައި އަށް މީހަކު މަރާލައި، 11 މީހަކު ޒަހަމްކޮށްފި އެވެ.
އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި އެހަމަލާ ދިނީ 2010 ވަނަ އަހަރު އެގައުމަށް ހިޖުރަ ކުރި އުޒްބަކިސްތާނުގެ ސައިފުﷲ ސައިޕޮވް ކިޔާ މީހެކެވެ. ފުލުހުން ވަނީ އޭނާ އެހަމަލާ ދިނުމަށް ފަހު ޓްރަކުން ފޭބުމާއެކު އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލައިފައެވެ.

ނިއު ޔޯކުގައި ޓްރަކަކުން ޖައްސާ އަށް މީހުން މަރާލީ އުޒްބަކިސްތާނުގެ ސައިފުﷲ ސައިޕޮވް ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނޭ -- ފޮޓޯ: ސީބީއެސް
ހިނގާ މީހުންނަށާއި ބައިސްކަލު ދުއްވާ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރު މަތިން ދިޔަ މީހުންނަށް އަމާޒުކޮށް ދިން އެހަމަލާގައި ޒަހަމްވި މީހުންގެ ހާލު ސީރިއަސް ނަމަވެސް އެމީހުންގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށް ނިއު ޔޯކުގެ ފުލުހުން ވަނީ ބުނެފައެވެ. އަދި ނިއު ޔޯކުގެ މޭޔަރު ބިލް ޑި ބްލާސިއޯ ވަނީ އެއީ "ޓެރަރިޒަމްގެ ފިނޑި އަމަލެއް" ކަމަށް ވިދާޅުވެފައެވެ.
ަބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެހަމަލާ ދިން މީހާ ބޭނުން ކުރި ޓްރަކުން ވަނީ އޭނާ އައިއެސްއަށް ވާގިވެރިވާ ކަމަަށް ބުނެފައިވާ ނޯޓެއް ފެނިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެހަމަލާގައި މަރުވި އަދި އަނިޔާވި ފަރާތްތަކަށް ޓުވިޓާ މެދުވެރިކޮށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ. އަދި މެދުއިރުމަތީގައާއި އެހެން ސަރަހައްދުތަކުގައި އައިއެސް ބަލިކުރުމަށް ފަހު، އެޖަމާއަތަށް އެމެރިކާއަށް ވަނުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. (ބީބީސީ)